ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 97 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، ކުންފުނިތައް ރައިޓް-ސައިޒް ކުރާއިރު ވަޒީފާއިން ވަކިވާ މީހުންނަށް އަމިއްލަ މަސައްކަތް ފެށުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ފިއިނޭންސް މިނިސްޓަރ ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 އިން 2023 އަށް ސަރުކާރު ކުންފުނިތަކަށް 18،053 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު 18،676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ގެ ނިޔަލަށް 36،729 އަށް އިތުރުވެފައިވާ ކަމަށާއި، މިހާރު އެ އަދަދު 41،667 އަށް އަރާފައިވާއިރު މިއީ 13 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެމްޑީޕީ ސަރުކާރުގައި އިތުރަށް ނެގި މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އެ ދައުރު ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަކި މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން ކަމަށާއި، އެފަދަ އެންގުމެއް އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި ޕީސީބީ މެދުވެރިކޮށް ދެމުންދާ އިރުޝާދުތަކަކީ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ދޭ އެއްޗެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކުންފުނިތައް މާލީ ގޮތުންނާއި ހިންގުމުގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކުރުމުގެ ގޮތުން ދެވޭ އިރުޝާދުތަކެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ހަރުދަނާ ހަރުފަތަކަށް ގެންދިއުމަށް ކުންފުނިތައް ރައިޓް-ސައިޒް ކުރާއިރު، ވަކިވާ މުވައްޒަފުންނާއި އަމިއްލައަށް ވަކިވެ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ”ކުމެވި ފަންޑް“ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައިވާކަން ވަޒީރު އިއުލާނުކުރެއްވިއެވެ.
”ހަސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާ ނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ ލިބޭ ގޮތަށް އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ،“ ޒަރީރު ވިދާޅުވިއެވެ.
މި ފަންޑުން ލޯނު ނެގުމަށް ބޭނުންވާ ބިޒްނަސް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކޮށް މަގުމަތިކުރުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ކޮންމެ މީހަކަށްވެސް އާމްދަނީ ލިބޭނެ ދެމެހެއްޓެނިވި ގޮތެއް ހޯދައިދިނުން ކަމަށާއި، ކޮންމެ މީހަކީވެސް ދިވެހި ދަރިއަކަށް ވާތީ ސިޔާސީ ކުލައަކަށް ބެލުމެއްނެތި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.













