އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޗެލްސީގެ އަންހެން ޓީމުން (ޗެލްސީ އެފްސީ ވިމެން) ސޯޝަލް މީޑިއާގައި ހިންގި ހަރަކާތެއްގެ އެންމެ ގިނަ ލައިކްސް ލިބުނު ކޮމެންޓަކަށް ”ފްރީ ފަލަސްޠީން“ (ފަލަސްޠީން މިނިވަންކުރޭ) ސުރުޚީ މޮޅުވުމުން، އެ ކްލަބުން މުޅި ޕޯސްޓް އެކީގައި ފޮހެލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި ހާދިސާގެ ސަބަބުން، ހުޅަނގުގެ ވެރިކަންތަކާއި އަދި އޭގެ ލަގަނުގައި ހިފައިގެން އޮތް އިޒްރޭލުގެ ނުފޫޒު ބައިނަލްއަޤްވާމީ ކުޅިވަރު އިދާރާތަކުގެ މައްޗަށް ފޯރާފައިވާ މިންވަރާއި، އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު ވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ.
ޗެލްސީ ވިމެންސްގެ ރަސްމީ ’ ތްރެޑްސް‘ އެކައުންޓުގައި ހިންގި މި ޙަރަކާތުގައި، އެންމެ ގިނަ ލައިކްސް ލިބޭ ކޮމެންޓެއް އެ އެކައުންޓުގެ ރަސްމީ ’ބަޔޯ‘ ގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވަޢުދުވިއެވެ. މުޅި ދުނިޔެއިން ގިނަ އަދަދެއްގެ މީހުން ވަނީ ”ފްރީ ފަލަސްޠީން“ ޖެހުމަށް ވޯޓުދީ، 136,000 އަށްވުރެ ގިނަ ލައިކްސްއާއެކު އެ ކޮމެންޓް އެންމެ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، ލިބުނު ތާއީދާއެކު ބަޔޯ ބަދަލުކުރުމުގެ ބަދަލުގައި، ޗެލްސީއިން ވަނީ އެއްވެސް ބަޔާނެއް ނެރެން ނުކެރި، މުޅި ޕޯސްޓް އެކީގައި ފުހެލާފައެވެ.
ހުޅަނގުގެ ބާރުތަކާއި އޭގެ ދަށުން ހިންގާ ކުޅިވަރު އިދާރާތަކުން (ޔޫއޭއީއެފްއޭ އަދި ފީފާ ފަދަ) އިންސާނީ ޙައްޤުތަކާ މެދު އަބަދުމެ ފިލާވަޅު ނަގައިދެމުން ދިޔަ ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި، އަދި ހިންގަމުންދާ ފާޅުކަންބޮޑު ނަސްލުހޭދުއާ ދެކޮޅަށް އަޑުއުފުލުމުން އެއީ ”ސިޔާސީ“ ކަމެއް ކަމަށް ބުނެ އަޑުއުފުލުން މަނާކުރެއެވެ. މިއިން ދައްކުވައިދެނީ، ހުޅަނގުގެ އަޚުލާޤީ މިންގަނޑުތައް ހުރީ ހަމައެކަނި ދުނިޔޭގެ ނުފޫޒުގަދަ އެޕްސްޓީން ކްލާސް އެލީޓުން ކަނޑައަޅާފައިވާ ހަނި އިމެއްގެ ތެރޭގައި ކަމެވެ.













