ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނައަށް ބޮޑުކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ހައުސިންގ ޑރ. މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުއްޠަލިބް ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އޭރުގެ ރައިސް އިިބްރާހިމް މުޙައްމަދު ޞާލިޙު ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތައިން ފަސް އިންސައްތައަށް ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ގެނައި މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ވުރެ ބޭރުގެ ކޮންޓްރެކްޓަރުންނަށް ޓެކުހުގެ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އަލަށް މި ޓެކުސް 10 އިންސައްތައަށް އިއާދަކުރުމަކީ މި ފަރަގު ނައްތާލައި، ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
On 20 July 2021, President Ibrahim Mohamed Solih ratified an amendment reducing withholding tax on payments to foreign contractors from 10% to 5%. This gave overseas contractors a significant tax advantage over local contractors.
Restoring the 10% rate is an important step… https://t.co/JdTGMbg53l— Abdulla Muththalib (@muththo) August 17, 2026
ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތު ހޯލްޑިންގ ޓެކްސް ދެގުނައަށް ބޮޑުކުރުމަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ބިލެއް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ. މި ބިލުގައި، ވިތުހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައާއި ހަމައަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އަދި މި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް އިތުރު 251 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މި ބިލުގައިވާ ގޮތުން، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރަން ޖެހޭނެއެވެ.












