ޣައްޒާގެ އަލް-އަހްލީ އާންމުންނަށް އަމާޒުކޮށް ކޮންމެ ރެއަކު 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ”އަމާޒުކޮށްގެން މެރުމަށް“ (ޓާގެޓެޑް އެސެސިނޭޝަން) އިޒްރޭލުގެ ހައްދުފަހަނައެޅި ހަރުކަށި ޔަހޫދީ ޓެރަރިސްޓް، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތާމާރު ބެން-ގްވީރު ގޮވާލައިފިއެވެ. އޮކްޓޫބަރު 7, 2023 ގައި ދިން ޙަމަލާގައި ޙަމާސް ހަނގުރާމަވެރީންގެ އަތްދަށުވި ކުރީގެ ޔަހޫދީ ގައިދީއަކު ހިންގާ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ބެން-ގްވީރު ބުނީ، ހަމައެކަނި އިޒްރޭލަށް ނުރައްކާވާ މީހުން މެރުމުން ނުފުދޭ ކަމަށާއި، ޣައްޒާގައި ދިރިއުޅެން ޙައްޤު ނޫން ގިނަ ބަޔަކު އެބައުޅޭ ކަމަށެވެ. އަދި ”އެމީހުންނަކީ އިންސާނުންނެއްވެސް ނޫން“ ކަމަށެވެ.
ބެން-ގްވީރު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް ދޭ ޙަމަލާތައް މަދުކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް، ކޮންމެ ރެއަކުވެސް 30 އާއި 40 އާ ދެމެދުގެ މީހުން މަރަންޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން ޣައްޒާގެ މުޅި ސަރަހައްދުގައި ޔަހޫދީން ވަޒަންވެރިކުރުވައި، ފަލަސްޠިނުގެ އާންމުން ޣައްޒާއިން ގަދަކަމުން ބޭރުކޮށް، ނަސްލުނައްތާލުމަށް އެހެން ދުނިޔޭގެ ޤައުމުތަކަށް ފޮނުވާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.













