ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ މަސައްކަތް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އިންތިހާއަށް މަޑުޖެހިފައި އޮތުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އާދަޔާޚިލާފު ހަލުވިމިނެއްގައި ކުރިއަށް ގޮސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ. ޖުމްލަ 500 މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅައިލުމަށް އަމާޒުކޮށް ފެށި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ.
މި މަޝްރޫއު ފެށުނުއިރު އެކި ފިޔަވަހިތަކަށް ވަނީ ވަކި ތާރީޚުތަކެއް ކަނޑައަޅާފެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އާއި ވިލިމާލެ ގުޅައިލާ ބައި 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވީ ނަމަވެސް، އެ މުއްދަތަށް މަސައްކަތް ނިމިފައެއް ނުވެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ވިލިމާލެ އާއި ގުޅީފަޅު ގުޅައިލާ ބައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފިއެވެ. މީގެ އިތުރުން ތިންވަނަ ފިޔަވަހީގެ ގޮތުން ގުޅީފަޅާއި ތިލަފުށި ގުޅައިލާ ބައި 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމައި، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް ފުރަތަމަ ރޭވިފައި އޮތް ނަމަވެސް، މަޝްރޫއުގެ ދުވެލި މެދުކެނޑިގެންދިޔުމުގެ ސަބަބުން އެ ތާރީޚުތަކަށް ވަނީ ބޮޑެތި ލަސްތަކެއް ކުރިމަތިވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު، ތިލަމާލެ ބުރިޖުގެ މަސައްކަތް ގޮސްފައިވަނީ ވަރަށް ފިނިހަކަ ދުވެއްޔެއްގައެވެ. އެގޮތުން އެ ސަރުކާރުގެ ދައުރު ނިމުނުއިރު ބުރިޖުގެ މަސައްކަތުގެ ނިމިފައިވަނީ އެންމެ 33 ޕަސަންޓަށްވުރެ ކުޑަ މިންވަރެކެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ހަލުވިމިނެއް ނެތުމާއި، އިދާރީ އަދި ފަންނީ ގޮތުން ހުރި ހުރަސްތަކުގެ ސަބަބުން ރައްޔިތުންނަށް މި ބިޔަ މަޝްރޫއުގެ މަންފާ ލިބުން އޮތީ ވަރަށް ބޮޑަށް ލަސްވެފައެވެ. އެކި ފަހަރުމަތިން ތާރީޚުތައް ބަދަލުކޮށް، މާލެ އާއި ވިލިމާލެ ގުޅައިލުން ވެސް ފަސްކުރެވި، މުޅި މަޝްރޫއު ނިމޭނެ ކަމަށް ފަހުން ލަފާކުރި ތާރީޚުތައް ވެސް ފަހަނައަޅައި ދާން ފެށިއެވެ.
ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މަޝްރޫއަށް ވަނީ އާ ރޫހެއް ގެނެސްދެއްވާފެވެ. ރައީސް މުޢިއްޒުގެ ހިކުމަތްތެރިކަމާއި، ލީޑަޝިޕްގެ ބާރު އެޅުއްވުމުގެ ސަބަބުން، މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހަލުވިވެ، މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ކުރު މުއްދަތެއްގެ ތެރޭގައި ބުރިޖުގެ މަސައްކަތް ވަނީ 75 ޕަސަންޓަށްވުރެ ބޮޑުބައި ނިންމާލައިފައެވެ. ކުރީގެ ސަރުކާރުން ސުމަކުން ފަދަގޮތަކަށް އޮތް މަޝްރޫއެއް، މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ރޮކެޓް ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައިވުމަކީ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.
ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ވަނީ ގުޅުވާލެވިފައި pic.twitter.com/wiV8j1Np3j
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 22, 2026
މި މަޝްރޫއު މިހާ ހަލުވިމިނެއްގައި ކުރިއަށް ގެންދެވުނީ މި ސަރުކާރުން އިންޑިއާ ސަރުކާރާއި، މަޝްރޫއުގެ ކޮންޓްރެކްޓަރ ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ އެކު ޤާއިމްކުރި ގާތް އަދި ބަދަހި ގުޅުމުގެ ސަބަބުންކަން ފާހަގަކުރެވެއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރުން ފެށިގެން މި މަޝްރޫއުގެ ދުވެލި ބާރުކުރުމަށް މަތީ ފަންތީގެ މަޝްވަރާތައް ކުރައްވައި، މަޝްރޫއު ހިންގާ ފަރާތްތަކަށް ބޭނުންވާ ފަސޭހަތަކާއި އެއްބާރުލުން ދެއްވާފެވެ. އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން މަޝްރޫއުގެ ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވައި، ދިމާވެފައިވާ ގޮންޖެހުންތަކަށް ވަގުތުން ހައްލު ހޯއްދަވައިދެއްވާފައިވެއެވެ.
ތިލަމާލެ ބުރިޖާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާފައިވާ ވާހަކަފުޅުތަކުގައި، މި މަޝްރޫއަކީ ރާއްޖޭގެ އިޤްތިސާދީ މުސްތަގުބަލަށްޓަކައި އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް ވަނީ ވިދާޅުވެފެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބުރިޖުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އަދި އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ހުރިކަން ފާހަގަކުރައްވައި، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާތައް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ސިނަމާލެ ބުރިޖު އެޅުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، ރައީސް މުއިއްޒު ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތް އެފަދަ ކާމިޔާބު މޮޑެލްއަކަށް ފެއްތުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ.
މީގެ އިތުރުން ބުރިޖުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އިންޑިއާގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ވެސް މި މައްސަލަ އިސްކޮށް ހުށަހަޅުއްވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ވީއެންމެ އަވަހަކަށް ރައްޔިތުންނަށް މި ބުރިޖުގެ ޚިދުމަތް ލިބޭނެ މަގު ތަފާތު ގޮތްގޮތުން ފަހިކޮށްދިނުމެވެ. ސަރުކާރުގެ ސިޔާސަތަކީ ވައުދުތައް ފުއްދުމުގައި ފަރުވާތެރިވުމާއި، ޤައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން ކަމަށްވާއިރު، ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާރު މިދާ ބާރުމިނުގައި ކުރިއަށްދިއުމަކީ އޭގެ ފުރިހަމަ ހެއްކެކެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު އެންމެ ބޮޑު އަދި އެންމެ އުނދަގޫ އެއް މަސައްކަތް ކަމަށްވާ މޫދުގައި ތަންބުޖެހުމުގެ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. އެކި ސަރަޙައްދުތަކުގައި ޖަހަންޖެހޭ 100 އަށް ވުރެ ގިނަ ތަންބުތަކުގެ މަސައްކަތް ނިމި، މިހާރު މަޝްރޫއު ގޮސްފައިވަނީ އޭގެ އެންމެ ފަހުގެ މަރުހަލާތަކަށެވެ. މާލެއާއި ވިލިމާލެއާ ދެމެދު ކުރަންހުރި ބުރަ މަސައްކަތްތައް ވެސް ނިމި، ޑެކް ޖެހުމާއި މަގު ހެދުމުގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ މިއަދު މިވަނީ ގުޅުވާލެވިފައެވެ.
މިހާރުގެ ލަފާކުރުންތަކުން ދައްކާގޮތުން އަންނަ އަހަރުމުޅި މަޝްރޫއު އެއްކޮށް ނިމި، ރައްޔިތުންނަށް ހުޅުވިގެންދާނެއެވެ. ކުރިން ލަފާކުރި ވަރަށްވުރެ މާ އަވަހަށް މަޝްރޫއުގެ ބޮޑުބައި ނިންމާލެވިފައިވުމަކީ، ސަރުކާރުގެ ތަންފީޒީ ޤާބިލުކަމާއި، ރައީސް ޑރ. މުޢިއްޒުގެ ތަފާތު ލީޑަޝިޕްގެ ނަތީޖާއެކެވެ. މި ބުރިޖު މަޝްރޫއު ނިމުމުން މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށީގައި ހިންގޭ ސިނާއީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.




