ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ) ގެ ރައީސްކަމުގެ މަޤާމަށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބުވެވަޑައިގެންފިއެވެ.
މި މަޤާމަށް ޑރ. އަސަދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ލީޑަޝިޕް ފުރުޞަތުގެ ބޭނުން ހިއްޕަވައިގެން، ދިވެހިރާއްޖޭގެ އެނެސްތީސިއޮލޮޖީއާއި ގުޅުންހުރި ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޑރ. އަސަދު މި މަޤާމަށް އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ޚާއްޞަ ތަމްރީނާއި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީގެ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުޞަތެކެވެ. މީގެއިތުރުން ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުން އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު މިކަމުގެ ސަބަބުން އިތުރަށް ތަނަވަސްވެގެންދާނެއެވެ.
ޑރ. އަސަދުގެ މި ދައުރުގެ ތެރޭގައި ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ އެންމެ އެދެވޭ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުވެސް މިކަމުގެ ސަބަބުން ފަހިވާނެއެވެ.
ހަމައެއާއެކު، ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތައް ތަރައްޤީކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި، ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް މި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއަށް ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ދޮރުތައްވެސް ހުޅުވިގެންދާނެއެވެ.
ޑރ. އަސަދު ސާކް-އޭއޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައި މިވަނީ، ރާއްޖޭގައި ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަންނީ ގޮތުން ޤާބިލު ސިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަވެގެންދާނެ މުހިންމު ޕްލެޓްފޯމެކެވެ.









