ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ހޯލެއް އެޅުމަށްޓަކައި، އެ ސްކޫލާ ޖެހިގެން ހުރި މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތަޢުލީމީ ވަޒީރު ހާމަކޮށްފިއެވެ.
ދަޢުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖަލު ހުސްކުރުމުގެ ޢަމަލީ މަސައްކަތްތައް ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ޖަލު އެއްކޮށް ތަޅާލައި ބިން ސާފުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ތިން އަހަރު ދުވަސް ހޭދަކުރި ނަމަވެސް، އެ ސްކޫލުގައި ހޯލެއް ޤާއިމުކޮށްފައެއް ނުވެއެވެ. އޭރު ޕްލޭންކޮށްފައި އޮތީ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލު ހުސްކުރުމަށްފަހު އެ ބިމުގައި ހޯލް އެޅުމަށެވެ. ނަމަވެސް، ވެރިކަން ނިމިގެން ދިޔައިރުވެސް އެކަން އޮތީ ޢަމަލީ ގޮތުން ނުފެށިއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ކުރިން ވިދާޅުވެފައިވަނީ، ދަރުމަވަންތަ ސްކޫލް މިހާރު ތަރައްޤީކޮށްފައިވާ ބިމަކީ ޖާގަ ބޮޑު ބިމެއް ކަމަށާއި، ނިމިދިޔަ ސަރުކާރުން ރަނގަޅަށް ޕްލޭން ކުރިނަމަ، އެ ބިމުގައި ސްކޫލް އިމާރާތުގެ އިތުރުން ދަރިވަރުން ކުޅޭނެ ސަރަޙައްދަކާއި ހޯލެއްވެސް އެޅުނީސް ކަމަށެވެ.
ނަމަވެސް، މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ހޯލު ބިނާކުރުމަށެވެ.
”ހޯލެއް ބިނާކުރާއިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްޤީކުރެވޭނެ. މާލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލާއިރުވެސް އެކިކަންކަމަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްޤީކުރާނީ،“ ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ސްކޫލްތަކުގެ ޖާގައާއި ވަސީލަތްތައް އިތުރުކޮށް، ދަރިވަރުންނަށް ފުރިހަމަ ތަޢުލީމީ މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. އެގޮތުން ޖަލު ތަޅާލައި، އެތަނުގައި ޤާއިމުކުރާ ހޯލަކީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ އިތުރު ހަރަކާތްތަކަށާއި އެކި އެކި އެއްވުންތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.









