މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގެ ހަތްވަނަ ފަންގިފިލާގައި މިރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ސިފައިން ކުރި މަސައްކަތުން، އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިރޭ 20:41 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ބުނީ މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް، ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.













