ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީހީ ”ވާހަކަ ވައު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސް މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު އޮތީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް އެމަނިކުފާނުގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިއަދު މެންދުރުފަހުއެވެ.
މި ރަސްމިއްޔާތުގައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމު ޢަބްދުﷲ އާއި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ބޭބޭފުޅުން ވަނީ، ”ވާހަކަ ވައު“ ބައްލަވާލައްވައި، މި ތާރީހީ ހިނގާލުން ތަޖުރިބާކުރައްވާފައެވެ.
ދިވެހި ތާރީހީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ޤުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކުރެވިފައިވާ ”ވާހަކަ ވައު“ އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީހުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހުރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ. މިއީ ފަންނުވެރިކަމާއި ގުދުރަތީ ރީތިކަމާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާ ގޮތަށް ފަރުމާކުރެވިފައިވާ ޕާކެކެވެ.
މި މަޝްރޫއަކީ ރައީސް މުޢިއްޒު ގައުމިއްޔަތަށް ދެއްވާ ހާއްސަ އަހަންމިއްޔަތާއެކު ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހެރިޓޭޖް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީހުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.













