ލެގޫންސް ސްޕޯޓްސް ކްލަބުގެ އާ ބޯޑު މެންބަރުން ހޮވުމަށް ބޭއްވި ޖަލްސާގެ ތެރެއަށް ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަދެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި އިންޒާރު ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 12 އޮގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭ 22:00 ހާއިރު، ލެގޫންސްގެ ބޯޑު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގެ ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުބަރޭގެ އިތުރުން ތިން މީހަކު އެ ތަނަށް ވަދެ، މަސްލަހަތު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އަޑުބަރޭ ވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ބޭނުން ކަމެއް ކުރާނެ ކަމަށާއި، ކޯޓުތަކާއި ސަރުކާރުގެ ތެރެއިން ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޭނުން ކޮންމެ ކަމެއް ހާސިލުކުރާނެ ކަމަށް ބުނެ ތަކުރާރުކޮށް އިންޒާރު ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ލެގޫންސްގެ މިހާރުގެ ރައީސް އިބްރާހިމް މަމްނޫނަށް އަޑުބަރޭ އާއި އިތުރު ދެ މީހަކު ވެގެން މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައެވެ.
އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުން ދަނޑުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދީ، ކަރަންޓު ކަނޑާލައި، އަދި ބައެއް މެންބަރުންނަށް އިންޒާރުދީ މާރާމާރީ ހިންގުމަށް ވެސް އެ މީހުން ވަނީ މަސައްކަތް ކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް، ފުލުހުންގެ އެހީތެރިކަމާއެކު ކޯޓު އަމުރާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިފަދަ ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، 330 އަށްވުރެ ގިނަ މެންބަރުންގެ ބައިވެރިވުމާއެކު އާންމު މެންބަރުންގެ ބޮޑު އަގުލަބިއްޔަތުން ވަނީ ކުރިއަށް އޮތް ދައުރަށް ލެގޫންސްގެ ބޯޑު މެންބަރުން ކާމިޔާބުކަމާއެކު އިންތިޚާބުކޮށްފައެވެ.









