އުތީމު މަހާރަދުންގެ މުޅި ސީރަތަކީ ދިވެހި ޤައުމުގެ ހިންގުމުގެ ފަލްސަފާ ލިބިދޭ މުހިންމު ދަރުސެއް ކަމަށާއި، އެކަން ފުންކޮށް ދިރާސާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުތީމު ބޮޑުތަކުރުފާނަކީ ހަމައެކަނި ހަނގުރާމަވެރި ބަޠަލެއް ނޫން ކަމަށާއި، އެތަކުރުފާނަކީ އާދަޔާ ޚިލާފު ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށެވެ. އެގޮތުން އެތަކުރުފާނުގެ ކިބައިން ފެނުނު ލީޑަރޝިޕާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރާއި، ޒަމާނީ ޢިލްމާއި ހުނަރު ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅަކީ މިއަދުގެ ޖީލުތަކަށް ހުރި ނަމޫނާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ބޮޑުތަކުރުފާނުގެ ޑިޕްލޮމަސީ ނުވަތަ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލެއްވިއެވެ. ބޭރުގެ ބާރުތަކާ އެކު ގުޅުން ބާއްވަވާއިރުވެސް، އަމިއްލަ ދީނާއި މިނިވަންކަން ގެއްލިގެން ނުދާނެ ފަދަ ހަރުދަނާ އުސޫލެއް ގެންގުޅުއްވިކަން ފާހަގަކުރައްވައި، ދިވެހިންނަކީ ބޭރުގެ ބާރުތަކުގެ ތެރޭގައި ގިރިގެންދާނެ ބައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
”އުތީމު މަހާރަދުންގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް. އެތަކުރުފާނު ވަނީ ހަނގުރާމައިގެ އުކުޅުތަކާއި، ނިޔަމިކަމުގެ ޢިލްމާއި، ރާއްޖޭގެ ޖިއޮގްރަފީ ދަސްފުޅުކުރައްވައި، މުޅި ރާއްޖެ އެއް ރޫޙެއްގައި ގުޅުވާލައްވާފައި،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކަޅުއޮއްފުންމި ބަންނަން ރާއްޖޭގެ 40 ރަށަކުން މާވަޑިން ބައިވެރިވުމުން އެނގެނީ، ދިވެހި މުޅި ޤައުމުގައި އޭރުވެސް އޮތީ ޤައުމީ ވިސްނުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ދިވެހިންވެސް އެ ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ، ބައިބައިވުންތަކާ ދުރުވެ، ޤައުމީ ލޯބި އިސްކޮށް، އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.












