ތިނަދޫ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް ”ދަ ޕަލްސް“ ގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ތިނަދޫ ސިޓީގެ އެއާޕޯޓް މަޝްރޫއަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށާއި، އެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
”ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު. އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހަތަރު ސިޓީގައިވެސް މުހިންމު ގިނަ މަޝްރޫއުތަކެއް ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތައް މިހާރުވެސް ފެށިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ހައުސިން މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވައުދުތައް ފުއްދައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުން ކަމަށެވެ. އަދި މިހާރު ފަށާފައިވާ އަދި ފެށުމަށް ތައްޔާރުވަމުންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަކީ 2027 ވަނަ އަހަރު ކަމަށްވެސް އެމަނިކުފާނު ލަފާކުރެއްވިއެވެ.
ތިނަދޫ އެއާޕޯޓް މަޝްރޫއަކީ އެ ސިޓީގެ އިތުރުން މުޅި ހުވަދު އަތޮޅުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.












