ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް ”ދަ ޕަލްސް“ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދު ޝާއިޢުކުރި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކުރެއްވިއިރު، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ. މިއާއެކު ކައުންސިލް އިދާރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަކީވެސް އެކަމުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ސަރަޙައްދުގައި ތަރައްޤީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވަނީ، މާޒީގައި މިމަޝްރޫޢު ހިނގަމުން ދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެއާ ޚިލާފަށް ހަލުވި ދުވެލީގައި މިމަޝްރޫޢު މިހާރު ކުރިއަށް އެބަދާކަމަށާ، މާ ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫޢު ނިމޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.













