ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ނިރުބަވެރި އިޒްރޭލުގެ ސިފައިން ދިން ޙަމަލާއެއްގައި 11 އަހަރުގެ ކުޑަކުއްޖެއްގެ ބޮލަށާއި ފަޔަށް ވަޒަން އަމާޒުވެ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހާއި ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާތުހިސާބުތަކަށް ބަލާއިރު، ފާއިތުވި އޮކްޓޫބަރު މަހު ސީޒްފަޔަރު (ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުން) އިޢުލާންކުރި ފަހުން އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި މަދުވެގެން 1,259 ފަލަސްޠީނު މުސްލިމުން ޝަހީދުކޮށްލާ، 4,146 މީހުން ވަނީ ޒަޚަމްވެފައެވެ.
https://twitter.com/i/status/2087690596555378849
ޚާން ޔޫނިސްގެ އަލް-ނަޖާރު އަވަށުގައި ދިން މި ޙަމަލާގައި 11 އަހަރުގެ ކުއްޖާގެ ބޮލަށާއި ފަޔަށް ވަނީ ސީދާ ވާޒަން އަރާފައެވެ. ނަމެއްގައި ސީޒްފަޔަރު އިޢުލާންކޮށްފައި އޮތް ނަމަވެސް، ނިރުބަވެރި އިޒްރޭލު ސިފައިން ދަނީ ”ޔެލޯ ލައިން“ ކައިރިއަށާއި، ރައްކާތެރި ސަރަޙައްދުތަކަށް (އަލް-މަވާސީ ފަދަ) ކޮންމެ ދުވަހަކުވެސް ޑްރޯނާއި އާޓިލަރީ ބޭނުންކޮށްގެން ޙަމަލާދީ އެއްބަސްވުމާ ކެނޑިނޭޅި ޚިލާފުވަމުންނެވެ.
2023 އޮކްޓޫބަރުން ފެށިގެން މިހާތަނަށް އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 73,300 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 21,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 174,000 އިން މައްޗަށް ގޮސްފައެވެ. ސީޒްފަޔަރަށްފަހު ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައިވަނީ ކަނޑައަޅާފައިވާ އެހީގެ އުޅަނދުފަހަރުގެ އެންމެ %35 އަށް ކަމަށްވުމުން، ނާސިރު މެޑިކަލް ކޮމްޕްލެކްސް ފަދަ ހޮސްޕިޓަލްތަކުގައި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ.












