ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި އެންމެހައި ލޯބިވާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި އުފާވެރި މުނާސަބަތާ ގުޅިގެން މެޑަމް ސާޖިދާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ޤައުމީ ދުވަހުގެ ބަޠަލް އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް ކުރެއްވި މަތިވެރި ޚިދުމަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި ހިތްވަރު ދައްކުވައިދޭ މުހިންމު ފިލާވަޅެކެވެ. އަދި އެއީ ދިވެހިންގެ އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަމުގެ ރީތި މިސާލެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ، ދިވެހީންގެ ކެރުމާއި ހިތްވަރު، އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަމުގެ ރީތި މިސާލެއް. ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ އައުކުރަމުން މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވަން. pic.twitter.com/yw959aecFc
— First Lady Sajidha Mohamed (@sajidhaamohamed) August 14, 2026
ޤައުމީ މިނިވަންކަމުގެ ދިފާޢުގައި މަސައްކަތްކުރެއްވި ބަޠަލުންގެ އަގު ވަޒަންކުރައްވަމުން އެކަމަނާ ވިދާޅުވީ، ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ މިއަދު އައުކުރަންޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 15 އަހަރާއި 6 މަސްދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު، ބޮޑުތަކުރުފާނާއި އެކަމަނާގެ އަޞްޙާބުން ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންވެސް ވަނީ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.













