ޑޮލަރުގެ އަގު 10 ދުވަހުގެ ތެރޭގައި 19 ރުފިޔާއަށް ތިރިކުރަން ސަރުކާރަށް ޑިމާންޑްކުރުމަކީ ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
މެންބަރު އަޒާން މި މޭރުމުން ވިދާޅުވީ، 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށް އަދި އެއްމަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 17 ރުފިޔާއަށް ތިރިކުރަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ޑިމާންޑުކުރުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަޒާން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކުރުން ކަމަށެވެ.
އެހެން ބުނުމުން އެ ދުވަސްވަރު ފައިސާގެ އަގު ނުވެއްޓުނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށާއި، އަދި ކޮވިޑު ދުވަސްވަރު އިގުތިސާދު ހުއްޓިފައި އޮތްއިރު ވެސް ފައިސާގެ އަގު ނުވެއްޓޭ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށްވި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުން. މިހެން ބުނީމަ ވަރަށް ގިނަ ކުރާ ސުވާލަކީ އޭރު ފައިސާގެ އަގު ނުވެއްޓުނީ ކީއްވެތޯ. އަދި ކޮވިޑު ތެރޭގައި އިޤްތިސާދު ހުއްޓިފައި އޮތް އިރުވެސް ފައިސާގެ އަގު ނުވެއްޓޭކަމަށް…
— Ahmed Azaan (@axanner) August 13, 2026
އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އަށް ބިލިއަނެއްހައި ރުފިޔާ ޗާޕުކުރި ނަމަވެސް އެ މުއްދަތުގައި ޑޮލަރަށް އޮތް ޑިމާންޑު އޮތީ އާންމުކޮށް އޮންނަ މިންވަރަށްވުރެ ދަށުގައިކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން 2020 ވަނަ އަހަރު ރާއްޖެއިން އިމްޕޯޓަށް 1.7 ބިލިއަން ޑޮލަރު ހަރަދުކުރިކަން ދައްކާ ކަމަށެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު އެއް ބިލިއަން ޑޮލަރުގެ މަދުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ލޮކްޑައުންގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވޭތީ، ބޭރަށް ފުރާ ފަރާތްތަކުން ޑޮލަރު ބޭނުންކުރާ މިންވަރު ވެސް ވަރަށް ބޮޑަށް މަދުވި ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އަޒާން ވިދާޅުވީ، 2019 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން 333 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ ކަމަށާއި، އަދި 2020 ވަނަ އަހަރު 108 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ، ރެމިޓެންސްގެ ގޮތުގައި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ޑޮލަރު 2020 ވަނަ އަހަރު 595 މިލިއަން ޑޮލަރުން 396 މިލިއަން ޑޮލަރަށް މަދުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަންމިހެން އޮތުމުން ކޮވިޑުގެ ދުވަސްވަރު ޑޮލަރުގެ ޑިމާންޑު އެންމެ ބޮޑަށް އޮންނަ ތިން ދާއިރާ ކަމަށްވާ އިމްޕޯޓު، ބޭރަށް ގޮސް ކުރާ ހަރަދުތައް އަދި ރެމިޓެންސްއަށް ޑޮލަރު ބޭނުންވި މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށް އަޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އިގްތިސާދު އެއްކޮށްހެން މަޑުޖެހިފައި އޮތް ދުވަސްވަރެއްގައި ފައިސާ ޗާޕުކޮށް ސާކިއުލޭޝަނަށް ނެރުމުން، އެ ދުވަސްވަރު ކުއްލިއަކަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ނުދިޔައީ އެފަދަ ސަބަބުތަކާ ހުރެ ނަމަވެސް، އޭރުވެސް ޑޮލަރުގެ އަގު ދިޔައީ އުފުލެމުން ދިޔަ ކަމަށެވެ. ޑޮލަރަށް އޮތް ޑިމާންޑު އާންމު ހާލަތްތަކުގައި އޮންނަ ވަރަށް ނެތް ނަމަވެސް ފަތުރުވެރިކަން ހުއްޓިފައި އޮތުމުން، ޑޮލަރުން ލިބޭ އާމްދަނީ އޭރު ވަރަށް ދަށަށް ދިޔަކަން އަޒާން ފާހަގަކުރެއްވިއެވެ. އެގޮތުން 2020 ސެޕްޓެމްބަރުގައި ޑޮލަރުގެ އަގު 30 އިންސައްތަ އުފުލިފައިވާ ކަމަށް އައިއެމްއެފްގެ ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތް ނިމި، އިގްތިސާދު އަލުން ހިނގަން ފެށުމުން، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވި ކަމަށާއި އެގޮތުން ހަމައެކަނި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން މިދިޔަ 2025 ވަނަ އަހަރު 484 މިލިއަން ޑޮލަރު ހޭދަކުރި ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. އަދި ރެމިޓެންސްގެ ގޮތުގައި 661 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެގެން ދިޔަ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި މާލިއްޔަތު ގާނޫނުގެ މާއްދާތައް ސަސްޕެންޑުކުރުމަށްފަހު، ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ކުރަން ފެށީ އެ ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން މިގޮތަށް މިކަންވާނެ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން 2020، 2021، އަދި 2022 ވަނަ އަހަރުގައި އެކި ފަހަރު މަތިން އިންޒާރު ދިން ނަމަވެސް، އޭރުގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޕްރިންޓުކުރި ފައިސާ “މޮޕް އަޕް“ ކުރާނީ ކަމަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަން ނިމުނުއިރު އެ ފައިސާ މޮޕް އަޕެއް ނުކުރެވުނުކަން އަޒާން ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ އެމްޑީޕީ ވެރިކަން ނިމި 2023 ވަނަ އަހަރު މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައި ކަމަށެވެ. މިފަދަ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ވަގުތުން ނުފެންނާނެ ކަމަށާއި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާ ފެންނަން ބައެއް ފަހަރު އަހަރުތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފައިސާ ޗާޕުކުރުން ހުއްޓާލި ނަމަވެސް، އޭރު ޗާޕުކުރި ފައިސާ ސާކިއުލޭޝަނުގައި އަދިވެސް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ.
އަދި ޑޮލަރުގެ އަގު އުފުލެނީ އިގުތިސާދު ތެރޭގައި ލިބެން ހުންނަ ޑޮލަރަށްވުރެ ދިވެހި ރުފިޔާ ގިނަވެ، ކޮންމެ ޑޮލަރެއްގެ ފަހަތުން ދުވާ ރުފިޔާ ގިނަވުމުންކަން މިއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށް އަޒާން ވިދާޅުވިއެވެ. އަދި އެމްޑީޕީ ވެރިކަމުގައި ޗާޕުކުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިފައި ވަނިކޮށް، މި އަހަރު އިތުރަށް ޑޮލަރުގެ ތާށިކަން ކުރިމަތިވި ކަމަށާއި، މި ތާށިކަން ކުރިމަތިވީ އެމްޑީޕީ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏެއް މި އަހަރު ދައްކަން ޖެހުމުން އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރުމުން ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށަށް ދިޔުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ތެލުގެ އަގަށް އައި ބަދަލާއެކު އިމްޕޯޓަށް ބޭނުންވާ ޑޮލަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
މި ސަބަބުތަކާ ހުރެ އިގުތިސާދުގައި ލިިބެން ހުރި ޑޮލަރުގެ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއިނަމަވެސް ސާކިއުލޭޝަނުގައި ހުރި ރުފިޔާގެ އަދަދަކަށް ބަދަލެއް ނާންނަ ކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން އިގުތިސާދުގައި ހުރި ޑޮލަރާއި އަޅާބަލާއިރު ރުފިޔާ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.












