ރާއްޖެއަށް ބޭސް އެތެރެކުރަން، ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏަކާއެކު ސަރުކާރުގެ ބޭސް ކުންފުނި (ސްޓޭޓް ފާމާ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމާ ގުޅިގެން ސްޓޭޓް ފާމާއިން ބުނެފައިވަނީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ފާމަސުޓިކަލް ކުންފުންޏެއް ކަމަށްވާ ހެލްތް ކެއަރ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) އާއިއެކު އެ ކުންފުނިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓޭޓް ފާމާއިން ބުނެފައިވާ ގޮތުގައި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް މިހާރު ވެސް ދުނިޔޭގެ އެކި ބައްރުތައް، އޭގެ ތެރޭގައި ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ.













