ސޫރިޔާގައި 14 އަހަރު ވަންދެން ކުރެވުނު ހަނގުރާމައިގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން، އެޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު މަރަން ދިމަޝްޤުގެ ކޯޓަކުން ޣައިރު ހާޒިރުގައި ހުކުމްކޮށްފިއެވެ. މިއީ އަސަދުގެ އާއިލާއިން 50 އަހަރު ވަންދެން ސޫރިޔާގައި ކުރި އަނިޔާވެރި ލާދީނީ ހުދުމުޚުތާރު ވެރިކަން 2024 ވަނަ އަހަރުގެ ފަހުކޮޅު ވައްޓާލެވުނު ފަހުން، އެ އާއިލާގެ އިސް ބޭފުޅަކާ ދެކޮޅަށް އިއްވުނު ފުރަތަމަ ޝަރުޢީ ހުކުމެވެ.
ކޯޓުން ވަނީ ބައްޝާރު އަލް-އަސަދުގެ އިތުރުން، އޭނާގެ ކޮއްކޮ އަދި އަސްކަރިއްޔާގެ 4 ވަނަ ޑިވިޜަންގެ ކުރީގެ ކޮމާންޑަރު މާހިރު އަލް-އަސަދުވެސް މަރަން ޙުކުމްކޮށްފައެވެ. މި ދެ މުޖުރިމުންވެސް މިވަގުތު ތިބީ ރަޝިޔާގެ ޙިމާޔަތުގައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ދަރާއާގައި ކުޑަކުދިންތަކަކަށް އަނިޔާކޮށް ހަނގުރާމަ ފެށުމަށް މަގުފަހިކުރި ސޫރިޔާގެ ސެކިއުރިޓީ ޗީފް ޢާތިފް ނަޖީބު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ވަނީ މަރުގެ ޙުކުމް އިއްވާފައެވެ. ހުކުމް އިއްވި ވަގުތު ކޯޓު ބޭރަށް އެއްވި އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުންގެ ފޮޓޯތަކާއެކު އުފާފާޅުކޮށްފައެވެ.
ޝީޢީ ނުޞެއިރީ ޢަލަވީ ފިކުރުގެ އަނިޔާވެރި ވެރިކަމަށް ނަޒަރެއް
ސޫރިޔާގެ ހަނގުރާމައިގެ ތެރޭގައި ބައްޝާރު އަލް-އަސަދުގެ ސަރުކާރުން ހިންގާފައިވާ ނިޒާމީ ލާއިންސާނީ ޖަރީމާތަކާއި، ޤަތުލުޢާއްމުތަކާއި، ދައުލަތުން އިސްނަގައިގެން ހިންގި އަނިޔާވެރިކަން ”ސީރިއަން އޮބްސަވޭޓްރީ ފޯ ހިއުމަން ރައިޓްސް“ (އެސްއޯއެޗުއާރު) އިން ވަނީ ވަރަށް ތަފްޞީލުކޮށް ރެކޯޑުކޮށްފައެވެ. މާރޗު 2011 ގައި ފެށުނު އިންޤިލާބަށް 13 އަހަރު ފުރުނުއިރު، އެ ޖަމްޢިއްޔާއިން ވަނީ ހަނގުރާމައިގައި މަރުވި ޖުމްލަ 618,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ނަންތަކާއެކު ކަށަވަރުކުރެވިފައިވާ 164,223 އާންމު މީހުންގެ މަރު ރެކޯޑުކޮށްފައެވެ. މީގެ ތެރޭގައި 122,695 ފިރިހެނުންނާއި، 15,671 އަންހެނުންގެ އިތުރުން 25,857 ކުޑަކުދިން ހިމެނެއެވެ.
އާންމުން ޤަތުލުކޮށްލެވުނު ގޮތުގެ ތަފްޞީލުން ދައްކުވައިދެނީ ދައުލަތުގެ އަނިޔާވެރިކަމުގެ ބޮޑުމިނެވެ:
– 49,452 އާންމުން ޤަތުލުކޮށްލެވުނީ ބައްޝާރުލް އަސަދުގެ ސަރުކާރުގެ ޖަލުތަކާއި، ސެކިއުރިޓީ މަރުކަޒުތަކުގައި ދެވުނު ލާއިންސާނީ ’ތަޙުޤީގުތަކުގައި‘ ހިންގި ދިން އަނިޔާތަކުގެ ސަބަބުންނެވެ.
– 52,799 އާންމުން ޤަތުލުކޮށްލެވުނީ ބައްޝާރުލް އަސަދުގެ ސަރުކާރުގެ ސިފައިން ދިން ބަޑީގެ ޙަމަލާތަކާއި ބޯޑަރު ބަޑީގެ ހަމަލާތަކުގައެވެ.
– 26,403 އާންމުން ޤަތުލުކޮށްލެވުނީ ބައްޝާރުލް އަސަދުގެ ސަރުކާރުގެ އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާތަކުގައެވެ.
– 8,729 އާންމުން ޤަތުލުކޮށްލެވުނީ ބައްޝާރުގެ ސަރުކާރާ ބައިވެރިވި ރަޝިޔާގެ ވައިގެ ޙަމަލާތަކުގައެވެ. އަދި އިތުރު 2,504 އާންމުން ޤަތުލުވީ ރަޝިޔާ ނުވަތަ ސަރުކާރުގެ ޙަމަލާއެއްކަން ވަކިކުރަން ނޭންގޭ ވައިގެ ހަމަލާތަކުގައެވެ.
ބައްޝާރުލް އަސަދުގެ ސަރުކާރުގެ ޖަލުތަކުގައި ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަފްސީލު ދެމުން އެސްއޯއެޗުއާރުގެ ވެރިޔާ ރާމީ ޢަބްދުއްރަޙްމާން ފާހަގަކުރި ގޮތުގައި، އަސަދު ސަރުކާރުގެ ސެކިއުރިޓީ އޮފިޝަލުން ވަނީ މިލިޓަރީ އަދި އެއަރފޯސް އިންޓެލިޖެންސްއިން ހިންގާ މަރުކަޒުތަކުގައި ”ބަންދުކޮށްފައި ތިބި މީހުން ބަނޑަށްޖައްސައި މަރައި، ބަލިމީހުންނަށް ބޭސްފަރުވާ ނުދީ، އަދި އެމީހުންނަށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް“ ދީފައެވެ. އެސްއޯއެޗުއާރުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަސަދުގެ އަސްކަރީ އިސްތިރާތީޖީ ބިނާވެފައިވަނީ އާންމު ރައްޔިތުންގެ އިދިކޮޅު ހަރަކާތްތައް ނައްތާލުމަށްޓަކައި މުޅި ސަރަހައްދުތަކަށް ބޮން އަޅައި، ކެމިކަލް ހަތިޔާރު ބޭނުންކޮށް، އަދި ހޮސްޕިޓަލްތަކަށާއި، ބާޒާރުތަކަށާއި، ސްކޫލްތަކަށް ގަސްދުގައި ޙަމަލާދިނުމުގެ މައްޗަށެވެ. މިއީ އިންސާނީ ޙައްޤުތަކަށް ކާސާކުރާ ޖަމާޢަތްތަކުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ސިފަކުރާ އަނިޔާވެރިކަމެކެވެ.













