ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޢުމްރާ ދަތުރެއް ދިނުމަށް ނިންމައިފިއެވެ. އެގޮތުން، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ފަރާތްތަކަށް، މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޢުމްރާ ދަތުރެއް ދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް އިއްޔެ ފަށާފައިވާއިރު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތް މި މަހުގެ 11 އިން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މި އަހަރުގެ މުބާރާތުގައި ޖުމުލަ 325 ބައިވެރިން ވާދަކުރެއެވެ. މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ދަރިވަރުންގެ ބަޔާއި އަމިއްލަ ފަރުދުންގެ ބަޔެވެ. މީގެ އިތުރުން، އޮފީސްތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާއްސަކޮށްގެން ބަހުސްކުރުމުގެ ބައި ވެސް ކުރިއަށްގެންދާނެއެވެ.
ސްކޫލްތަކުގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީއަށް ބަހާލައިގެންނެވެ. މި އަހަރުގެ މުބާރާތުގައި 51 ސްކޫލަކުން ޖުމުލަ 302 ދަރިވަރުން ބައިވެރިވާއިރު، މީގެ ތެރޭގައި އަތޮޅުތަކުގެ 11 ސްކޫލަކުން ބައިވެރިވާ 40 ދަރިވަރުން ހިމެނެއެވެ. މުބާރާތުގެ އެންމެ ވާދަވެރިކަން ބޮޑީ އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ދަށު ސާނަވީ ގިންތީގައެވެ.
އަމިއްލަ ފަރުދުންގެ ބައިގައި ހިމެނެނީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާއެވެ. ބަހުސްކުރުމުގެ ބައި 16 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާއިރު، މި ބައިގައި 4 މުއައްސަސާއަކުން ވާދަކުރެއެވެ. ސްކޫލް ދަރިވަރުންގެ ވާހަކަދެއްކުން ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ”ފައްސިޔަ ބުރު“ އަދި ”އަރުތަ ބުރު“ އެވެ. މީގެ ތެރެއިން އަރުތަ ބުރަށް ހޮވޭނީ ކޮންމެ ގިންތިއަކުން އެންމެ މަތީ މާކްސް ހާސިލުކުރާ 10 ދަރިވަރުންނެވެ.













