އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑާ ޚިލާފުވެ އީރާނަށް ދަތުރުކުރަން އުޅުނު ޕަނާމާގެ މުދާ އުފުލާ އުޅަނދެއް ކަމަށްވާ ”ވެލާ ނޯވާ“ އަށް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ހަމަލާދީ އުޅަނދު ހުއްޓުވައިފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، އެމެރިކާގެ އެމްއެޗު-60 ހެލިކޮޕްޓަރަކުން ދެ ހެލްފަޔާ މިސައިލް ފޮނުވާލާފައިވަނީ އުޅަނދުގެ އިންޖީނުގެއަށާއި ކަންނެޔޮ (ސްޓިއަރިންގ) ނިޒާމަށެވެ. މިއީ އެތައް އިންޒާރަކަށް ފަހުވެސް އުޅަނދުގެ ފަޅުވެރިން ކިޔަމަންނުވުމުން ދިން ހަމަލާއެކެވެ.
އޮމާން ކަނޑުގެ ތެރެއިން ދަތުރުކުރަނިކޮށް ދިން މި ހަމަލާގައި އުޅަނދުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަދި އުޅަނދުގައި ތިބި 17 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމެރިކާއިން ބުނި ގޮތުގައި، ބްލޮކޭޑް ތަންފީޒުކުރުމުގެ ތެރޭގައި މިހާތަނަށް 55 އުޅަނދެއްގެ މިސްރާބު ވަނީ ބަދަލުކޮށްފައެވެ. އަދި ޤާނޫނާ ޚިލާފުވި 3 އުޅަނދެއް ހަލާކުކޮށް، 2 އުޅަނދަކަށް ސިފައިން އަރައި ވަނީ ހިފަހައްޓާފައެވެ.













