އުފަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާގެ ތެރެއިން އެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭނެ ހާލަތްތަކުގައި އެކަނި ކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ސުވާލު އުފައްދާފައިވަނީ ކުއްޖާގެ މަންމައެވެ. އުމުރުން 25 އަހަރުގެ އެ މަންމަ ބުނެފައިވާ ގޮތުގައި، ދަރިފުޅު އޭނާގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިހެއިތާ ތިންވަނައަށްވީ ދުވަހުއެވެ. އަދި ދަރިފުޅު އަތުން އަތުލުމަށް ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ، އޭނާގެ ނަފްސާނީ މައްސަލައެއް ހުރުމާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ކަމަށްވެސް މަންމަ ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުޑަކުއްޖަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ބަޔާންކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އޭގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާއަށް ހަވާލާދީ ބަޔާނުގައި ބުނެފައިވަނީ، ކުޑަކުއްޖަކާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެ ކުއްޖެއްގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތްތަކުގައިވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރެވޭތޯ ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެއެވެ. އަދި މައިންބަފައިންގެ ގާތުގައި ކުއްޖާ ބެހެއްޓޭނެ ހާލަތެއް ނެތް ނަމަ، އާއިލާގެ ތެރެއިން އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެހެން ފަރާތެއް ހުރި ނަމަ، ކުއްޖާ އެ މީހެއްގެ ގާތުގައި ބެހެއްޓުމަކީ ދައުލަތުން އިސްކަންދޭނެ ކަމެކެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނީ، މައިންބަފައިންނާއި އާއިލާގެ އެއްވެސް ފަރާތަކުންވެސް ކުއްޖާއަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެވެން ނެތްކަން ކަށަވަރުވުމުން، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާ ނާޒުކު ހާލަތްތަކުގައި، ކުއްޖާއަށް އަޅާލުމާއި ހިމާޔަތް ދިނުމުގެ ގޮތުން ވަގުތުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ދައުލަތަށް ލިބިގެންވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ، ކުއްޖާ ހުރި މާހައުލުން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމާއި، ވަގުތީ ގޮތުން އެހެން ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމަކީވެސް ކުރެވިދާނެ ކަންކަން ކަމަށެވެ. މީގެ އިތުރުން، ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތުތައް މީޑިއާގައި ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ މައުލޫމާތު ދައުރުކުރުމުގައި ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ބޮޑުވެ، ޖެންޑާ މިނިސްޓްރީން އަމަލުކުރި ގޮތާމެދު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކުއްޖާ ދައުލަތަށް ނެގި ސަބަބު ބަޔާންކޮށް އާއިލާއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުން ލިބުނު އެ ކުއްޖާ ދައުލަތަށް ނަގަންޖެހުނީ ކުއްޖާގެ ރައްކާތެރިކަމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުށަހެޅިފައިވާތީއެވެ. އެގޮތުން ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި، އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތުގެ އިތުރުން، އާއިލާގެ ތެރެއިންވެސް އެ ކުއްޖާއަށް އަޅާލާނެ އެހެން ފަރާތެއް ނެތުން ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.









