ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ކ. ގިރިފުށި ކައިރިއަށް ބަންޑުން ޖަހާލައި، އަޑިއަށް ގޮސްފިއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗު ބަންޑުން ޖަހާލުމުގެ ކުރިން އޭގައި ތިބި ފަސިންޖަރުން ވަނީ ކައިރީގައި އޮތް އެހެން ދޯންޏަކަށް ބަދަލުކޮށްފައެވެ. މި ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، ފަސިންޖަރުން އުޅަނދުން ބޭލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު ވަނީ އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރަސްމީ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން މި ހާދިސާއާ ގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ލޯންޗް އަޑިއަށް ގޮސްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު ހަވީރު 17:00 އިން ފެށިގެން 23:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެއެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.













