ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސެލްސް) އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 216 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މި ބަލީގެ 17 ކޭސްއެއް މާލެ ސަރަޙައްދުން ވަނީ ފެނިފައެވެ. މިއީ ވޭތުވެ ދިޔަ ހަފްތާގައި ބަލި ޖެހުނު 13 މީހުންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި މާލެ ސަރަޙައްދުން ފެނުނު ފުރަތަމަ ކޭސްއާ އެކު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 200 އަށްވުރެ މައްޗަށް ގޮސްފައެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވުމާއިއެކު، ބަލީގެ ކޭސްތައް ފެންނަން ފެށުމުން އެޗްޕީއޭ އިން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބަލި ފެތުރޭ މިންވަރު މޮނީޓަރު ކުރުމާއި، ބަލި ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތުގެ އިތުރުން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 14,701 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ
#measles pic.twitter.com/mlmHbjfKZD— Health Protection Agency (@HPA_MV) August 11, 2026
ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވައެވެ. ވަކިން ހާއްސަކޮށް ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ، އެހެން މީހުންނާ ބައްދަލުނުކޮށް އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން، ހުމާއި ރޯގާގެ އަލާމާތްތަކާ އެކު ހަށިގަނޑުގައި ހިމަ ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލި ކޮންޓްރޯލް ކުރުމަށް މުހިއްމު ކަމެކެވެ. އަދި މިފަދަ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ދާއިރު، އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މާސްކު އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.












