2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފާއިތުވި ހަތް މަސްދުވަހު ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭގޮތަށް ޖުމްލަ 1،141 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި 23،249 މީހުންނާއި، 7،309 ތަނެއް ބަލައިފާސްކޮށް، 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 1،856 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، އޭގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ޚާއްޞަގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަތުލައިގަތް ތަކެތީގެ މަގުމަތީގެ އަގު 121 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް މިހާރު ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން، ފައިސާއާ ގުޅުންހުރި 25 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ ތިން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، ފަރުވާއަށް ބޭނުންވާ 37 މީހަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމަށް ފުރުސަތުދޭ މާލޭގެ ހަ ތަނެއް ވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެ ތަންތަނަކީ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު އަމާޒަކީ އިންޓެލިޖެންސާއި ފައިސާގެ ތަހުގީގުތައް ގުޅުވާލައިގެން މަސްތުވާތަކެތީގެ ނެޓްވޯކްތައް މުޅިން ރޫޅާލައި، އެކަމުގެ އަސްލު ނައްތާލުމެވެ.













