2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އިންޑިއާގައި މަދުވެގެން 44 މުސްލިމުން މަރާލާފައިވާކަމަށް ”ސައުތު އޭޝިއާ ޖަސްޓިސް ކެމްޕޭން“ (އެސްއޭޖީސީ) ގެ އިންޑިއާ ޕާސެކިއުޝަން ޓްރެކަރ ރިޕޯޓުން ހާމަވެއްޖެއެވެ. މަރާލެވުނު 44 މުސްލިމުންގެ ތެރެއިން 19 މީހުން މަރުވެފައިވަނީ ފުލުހުންނާއި ދައުލަތުގެ ރައްކާތެރިންގެ ބާރުގެ ބޭނުންކުރުމާއި ބަންދުގައި ތިއްބައެވެ. އަދި 25 މީހުން މަރުވެފައިވަނީ ހިންދޫ ހަރުކަށި ފިކުރުގެ ގްރޫޕްތަކުން ދިން ނަސްލީ އަދި ދީނީ ހަމަލާތަކުގައެވެ.
އެސްއޭޖީސީ އިން 2022 ވަނަ އަހަރުން ފެށިގެން މިފަދަ ހާދިސާތައް ރެކޯޑުކުރަން ފެށިފަހުން 2026 އަކީ މުސްލިމުންނާ ދެކޮޅަށް ދެވޭ ހަމަލާތަކުގައި އެންމެ ގިނައިން މީހުން މަރުވި އަހަރެވެ. މެއި މަހާއި ޖުލައި މަހާ ދެމެދު އެކަނިވެސް 25 މުސްލިމުން މަރާލާފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ހަމަލާތަކުގައި މަރުވި 15 މީހުންނާއި، ހިންދޫ ހަރުކަށި ގްރޫޕްތަކުން ދިން ހަމަލާތަކުގައި މަރުވި 10 މީހުން ހިމެނެއެވެ.
މަރުގެ ހާދިސާތަކުގެ އިތުރުން، ހައްޔަރުކުރުމާއި، މުދަލާއި ގެދޮރު ބިމާހަމަކުރުމާ، ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވުމާއި، އަދި އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ސަރަޙައްދުން ގަދަކަމުން މީހުން ބޭރުކުރުން ފަދަ ދައުލަތުގެ ޢަމަލުތައް މުސްލިމް މުޖުތަމަޢުތަކަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ހިންގަމުންދާކަމަށް މި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
މި އަހަރުގެ ތެރޭގައި މުޅި ޤައުމުގައި މުސްލިމުންގެ 3,000 އަށްވުރެ ގިނަ ގެދޮރާއި، ވިޔަފާރިތަކާއި އަދި ދީނީ ބިނާތައް ތަޅާލާފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި 6 ސްޓޭޓެއްގައި 2 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މަދުވެގެން 23 މިސްކިތާއި, އިސްލާމީ އެހެނިހެން ދީނީ ތަންތަން ހަލާކުކޮށްލުން ހިމެނެއެވެ.
އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގައި ދިން ހަނގުރާމަވެރި ހަމަލާއަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި 2,500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އައްސާމުން މީހުން ބޭރުކުރުން އަދިވެސް ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން ރޭގަނޑު ހިންގާ އޮޕަރޭޝަންތަކުގައި، ބޯޑަރުގެ ފެންސުގައި ހުންނަ ބާގަވަތްތަކުން، ކުޑަކުދިން ހިމެނޭހެން އާއިލާތައް ގަދަކަމުން ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހިއުމަން ރައިޓްސް ވޮޗުން މީގެ ކުރިން ވަނީ ރެކޯޑުކޮށްފައެވެ.
މި ޓްރެކަރ އިން ބުނާގޮތުގައި، ސިޔާސީ އިސް ވެރިންގެ ފަރާތުން މުސްލިމުންނާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން، އެ ޤައުމުގެ މުސްލިމް މައިނޯރިޓީއާ މެދު ކުރެވޭ ތަފާތުކުރުންތަކަށް ދަނީ އިތުރު ބާރެއް ލިބެމުންނެވެ.
ރަސްމީ ފަރާތްތަކުން ”އިންފިލްޓްރޭޓަރުން“ (ގަވާއިދާ ހިލާފަށް އެތެރެވާ މީހުން) ގެ ގޮތުގައި މީހުންނަށް ނިސްބަތްކޮށް ވާހަކަދެއްކުމަކީ އިންޑިއާގެ މުސްލިމުންނަކީ ބިދޭސީންގެ ގޮތުގައި ސިފަވެގެން ހިނގައިދާނެ ކަމެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކުގެ ދަށުން މިއީ ތަފާތުކުރުމަށް ހިތްވަރުދިނުން ކަމުގައި ބެލެވިދާނެކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރއިން ދީފައިވާ އިންޒާރުތަކާ މި ރިޕޯޓުގައި ހަވާލާދީފައިވެއެވެ.
މީގެ އިތުރުން، އެކި ސްޓޭޓްތަކުގައި އަޅަމުންދާ ޤާނޫނީ އަދި އިދާރީ ފިޔަވަޅުތަކުގެ ސަބަބުން މުސްލިމް މުޖުތަމަޢުތަކަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން، ފުޅާދާއިރާއެއްގައި މުދާ އަތުލައި، ގެދޮރު ބިމާހަމަކޮށް، ރަށްވެހިކަން ކަށަވަރުކުރުމުގެ އިޖުރާއަތްތަކަށް ގެންނަ ބަދަލުތަކާއި، މުސްލިމުންގެ އަމިއްލަ ޤާނޫނުތަކުގެ (މުސްލިމް ޕަރސަނަލް ލޯގެ) ބައެއް ކަންކަމުގެ މައްޗަށް ބާރުފޯރުވާފަދަ އާ މަދަނީ ޤާނޫނުތަކާއި، އަދި ޤައުމުގެ އެކި ހިސާބުތަކުގައި މިސްކިތްތަކާއި، އިސްލާމީ މަދަރުސާތަކާއި، ގެރި ކަތިލުމަށް ހުރަސްއެޅޭގޮތަށް އަޅާފައިވާ ފިޔަވަޅުތައް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފުޅާދާއިރާއެއްގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ރެކޯޑުކޮށްފައިވީ ނަމަވެސް، ޤާނޫނީ ގޮތުން އައިސްފައިވާ މުހިންމު އެއް ކުރިއެރުން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ މުސްލިމަކަށް ޙަމަލާދީ މަރާލި މައްސަލައެއްގައި ހިންދޫންގެ ތެރެއިން ގެރި ޙިމާޔަތްކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ހިންދޫ ހަރުކަށި ފިކުރުގެ 14 މީހަކު އުމުރަށް ޖަލަށްލުމަށް އިންޑިއާގެ ފަނޑިޔާރަކު ކުރި ޙުކުމެވެ. މިއީ ދީނީ ނުވަތަ ނަސްލީ ހަމަނުޖެހުންތަކުގައި ޒިންމާދާރުކުރުވުމުގެ ވަރަށް މަދު ހާލަތެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އިންޒާރުތަކެއް ލިބެމުންދާކަމަށް ރިޕޯޓުކުރުމާ ގުޅިގެން ފަހުން އެ ފަނޑިޔާރަށް ވަނީ ފުލުހުންގެ ހިމާޔަތް ފޯރުކޮށްދީފައެވެ.
ސައުތު އޭޝިއާ ޖަސްޓިސް ކެމްޕޭނުން ބުނެފައިވަނީ، މި ހޯދުންތަކުން ދައްކުވައިދެނީ އިންޑިއާގެ މުސްލިމް މައިނޯރިޓީ އެކަހެރިކޮށް ނިކަމެތިކުރުމަށްޓަކައި، އަނިޔާވެރިކަމާއި، ރަސްމީ ސިޔާސަތުތަކާއި، އަދި ސިޔާސީ ވާހަކަތައް އެއްވެގެން ފުޅާދާއިރާއެއްގައި ހިންގަމުންދާ ނިޒާމީ ރޭވުންތަކެއް ކަމަށެވެ. އެ ޖަމްޢިއްޔާއިން އިތުރަށް ބުނެފައިވަނީ، މައިނޯރިޓީތަކާމެދު އިންޑިއާއިން އަމަލުކުރަމުންދާ ގޮތާއި، މުޒާހަރާތަކާއި، ރަށްވެހިކަމާ ގުޅޭ ސިޔާސަތުތަކާމެދު އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ތަޖުރިބާކާރުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށެވެ.












