ފުލުހުންނަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގައި ޖުމްލަ 35,144,703.32 ރުފިޔާ ވަނީ އާންމުންގެ އަތުން ގެއްލިފައެވެ. މީގެ ތެރެއިން މިހާތަނަށް ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13,296,072.51 ރުފިޔާއެވެ. ފައިސާ ގެއްލުނު މައްސަލަތަކުގެ ތެރެއިން ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއީ މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ ނުހަނު އުނދަގޫ ކަމެއްކަން ހާމަވާ ކަމެކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކޮށްފައިވަނީ އީ-ކޮމާސް ސްކޭމްތަކެވެ. އެގޮތުން މިފަދަ 1,478 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގި 540 މައްސަލައަކާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ހިންގި 439 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އާއި ވައިބާއެވެ. އެގޮތުން ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 1,093 މައްސަލަ އަދި ވައިބަރ މެދުވެރިކޮށް 911 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ފޭސްބުކްގެ އެކި ޕޭޖުތަކާއި، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމުތައް މެދުވެރިކޮށް ވެސް އާންމުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.











