ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
އެލްޖީއޭގެ ބޯޑުގެ ބައެއް މެންބަރުންގެ މަޤާމުގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
އެ އޮފީހުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިންނާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
މިގޮތުން މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
މި ދެ ދާއިރާގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ފަރާތެއް ހޮވުމަށްވެސް ރައީސް އޮފީހުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ހިމެނެނީ ޤާނޫނުއަސާސީގެ ވުޒާރާތަކާއި ކައުންސިލްތަކުގެ އިތުރުން ކަމާބެހޭ ޚާއްޞަ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.












