ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލް ހިންގުމަށް އެކަށީގެންވާ ގޮތަށް އިމާރާތަށް ބަދަލުތައް ގެނައުމަށްޓަކައި ޕާޓިޝަން ޖެހުމާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލްގެ ބަދަލުގައި 100 އެނދުގެ ޒަމާނީ އާ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ހޮސްޕިޓަލްގެ އިމާރާތާއި ވަސީލަތްތައް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ. ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކުރަނީ އާ ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި މިހާރު ހުރި އިމާރާތް ތަޅާލަން ޖެހޭތީއެވެ.
ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ. މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ހާއްސަ އެނދުތަކެއް ވެސް ހުންނާނެއެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް ހިދުމަތް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ހޮސްޕިޓަލެއް ނޫނެވެ. ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ ގިނަ ފަހަރު ވިލިމާލެ ރައްތިތުން ބަރޯސާވާން ޖެހިފައިވަނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށެވެ.










