އެސްއެމްއީ ޑިޖިޓަލްއިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ޚާއްސަ އޯޕަންޑޭއެއް މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި މި އޯޕަންޑޭގެ މައިގަނޑު މަގުސަދަކީ އެސްއެމްއީ ޑިޖިޓަލްއިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވައިފައެވެ..
މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާދޭނެއެވެ. ރީފައިނޭންސް ކުރަން އަންނައިރު އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަންވާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އިސްލާމިކް ފައިނޭންސަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.










