ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އޭޑީއެންއޯސީ) ގެ ތެޔޮ އުޅަނދަކަށް އީރާނުގެ މިސައިލް ހަމަލާއެއް އަމާޒުވެއްޖެއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޯމާނުގެ ޚަޞަބް ކައިރިން ދެވަނަ އުޅަނދަކަށްވެސް ހަމަލާއެއް ދީފައިވާކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔޫއޭއީގެ ޚާރިޖިއްޔާއިން ކަށަވަރުކޮށްދިން ގޮތުގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އަދުނޯކްގެ ތެޔޮ ބޯޓަކަށް އީރާނުގެ މިސައިލެއް ވަނީ އަމާޒުވެފައެވެ. އަދި މީގެ އިތުރުން އޮމާނުގެ ޚަޞަބްގެ އައްސޭރިފަށުން 18 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އާންމު މުދާ އުފުލާ އުޅަނދަކަށް ދިން ޙަމަލާއާއެކު ސަރަހައްދީ ކަނޑުގެ ދަތުރުފަތުރަށް ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެފައެވެ. ކަނޑުއޮޅީގައި ނުރައްކާ ބޮޑުވުމާ ގުޅިގެން، މުދާ އުފުލާ އުޅަނދުފަހަރުގެ ”ވޯ-ރިސްކް“ އިންޝުއަރެންސް ފީތައް ވަނީ އިންތިހާއަށް އުފުލިފައެވެ.












