އއ. އުކުޅަސް ސްކޫލަށް ދިމާވެފައިވާ ޖާގީގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ އައު އޮފީސް އިމާރާތުގެ މަޝްރޫއުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، އެފްޑީސީގެ ސީނިއާ މެނޭޖްމަންޓާއި، އުކުޅަސް ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ވަނީ މި މަސައްކަތް ހިނގަމުންދާ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މަޝްރޫއުގެ މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރައްޒާން ވިދާޅުވީ، އުކުޅަސް ސްކޫލްގެ އައު އޮފީސް އިމާރާތުގެ ފައުންޑޭޝަން ކޮނުމުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ފައުންޑޭޝަން ފޫޓިންގެ ރީއިންފޯސްމަންޓް މަސައްކަތާއި، ފައުންޑޭޝަން ފޫޓިންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އއ. އުކުޅަސް ސްކޫލްގެ އައު އޮފީސް އިމާރާތް ބިނާކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، އެފްޑީސީގެ ސީނިއާ މެނޭޖްމަންޓާއި، އުކުޅަސް ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް އެ މަސައްކަތް ހިނގަމުންދާ ސައިޓަށް ޒިޔާރަތްކުރައްވައިފިއެވެ. pic.twitter.com/09v2pae1uE
— Fahi Dhiriulhun Corporation Limited (@Fdc_mv) August 6, 2026
މި އިމާރާތަކީ އުކުޅަސް ސްކޫލްގެ އިދާރީ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންނަށް މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.













