އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢާ ގުޅުވައިގެން ”އަސްލު ޓީވީ“ އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށް ބުނެ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ”އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިހުމާލާއި، ރައްޔިތުން ރަތަށް“ މި މައުޟޫއަށް އަސްލު ޓީވީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ބެލުމެއްނެތި ޝާއިޢުކޮށްފައިވާ ބުޚުތާނު ދޮގު ރިޕޯޓެއް ކަމަށެވެ.
މިފަދަ ރިޕޯޓެއް ޝާއިޢުކުރުމުގެ އަސްލު މަޤުޞަދަކީ އެ ކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުން ކަމަށް އެމްޓީސީސީން ތުހުމަތުކުރެއެވެ. އަދި މިއީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފައްދައި، ކަސްޓަމަރުންނާއި ޙިއްޞާދާރުންނަށް މާލީގޮތުން ގެއްލުންދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް އެ ކުންފުނިން ދެކެއެވެ.
އަމީނީ މަގުގެ މަޝްރޫޢުގައި އެމްޓީސީސީގެ ދައުރާ ގުޅޭގޮތުން އެ ކުންފުނިން ސާފުކޮށްދީފައިވަނީ، އެ މަގުގައި އެމްޓީސީސީން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ މަގުގެ ހެންވޭރާވީ ކޮޅުން، ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދުގެ ސަބްބޭސް ތައްޔާރުކޮށް ތާރު އެޅުން ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 9 ފެބްރުއަރީ 2023 ގައެވެ. އަދި އެ މަސައްކަތް 16 ފެބްރުއަރީ 2023 ގައި ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބުނީ ކުންފުނީގެ ކޮންމެ މަސައްކަތެއްވެސް ކުރިއަށްގެންދަނީ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާ އެކު، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި ހަޤީޤަތާ ޚިލާފު ވާހަކަ ފެތުރުމުގެ ސަބަބުން ކުންފުނީގެ ތަރައްޤީގެ މަޝްރޫޢުތަކަށް އޮންނަ އިތުބާރު ގެއްލުމަކީ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އަމީނީ މަގު މަޝްރޫއާއި މިކުންފުންޏާ ގުޅުވައިގެން އަސްލުޓީވީން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓާ ގުޅޭ
ޕްރެސް ރިލީޒް:https://t.co/bWLLc3vNvP pic.twitter.com/OXmaog76l7— MTCC Plc (@MTCCPlc) August 7, 2026
ތަހުޒީބު މުޖުތަމައުތަކުގައި ކަންކަން ކުރާ އުސޫލުން، ކަންކަމުގެ ޙަޤީޤަތް ބަލައި ތެދު މަޢުލޫމާތު ފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކުރަމުން، އެމްޓީސީސީން ވަނީ އަސްލު ޓީވީގެ މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައިދެއްވުމަށް އެދިފައެވެ. އަދި މި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުންފުނީގެ ގާނޫނީ ޓީމުން މިހާރު ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.














