ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު ގައުމެއްގެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ސުވާލުކުރުމަށްފަހު، އިތުރަށް ބަލައި ފާސްކުރިއިރު އޭނާ ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ ބުލެޓްތަކެއް ދިރުވާލާފައެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފި.
🔹ތާރީޚް: 19 ޖުލައި 2026
🔹ބާވަތް: ކޮކެއިން
🔹ބަރުދަން: 1180 ގްރާމް (66 ބުލެޓް)
🔹މަަގުމަތީއަގު: 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު pic.twitter.com/P3QzHiOoJh— Maldives Customs Service (@CustomsMv) August 5, 2026
އޭނާގެ ހަށިގަނޑުން ނެގި ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައެވެ. އޭނާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވާއިރު، މި ތަކެތީގެ ބަރުދަނުގައި 1180 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި ތަކެތީގެ މަގުމަތީ އަގަށް ބަލާއިރު، 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މީހާއާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރު ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.














