ވިލިމާލޭ ފަޅުގައި ގިނަ ދުވަސްތަކެއްވަންދެން ފެތިފައި ހުރި އުޅަނދުތައް މިހާރުން މިހާރަށް ނަގައި އެތަން ސާފުކުރަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސަމާހު ވަނީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައެވެ.
ސަމާހު ވިދާޅުވީ، ވިލިމާލޭ ފަޅުގައި އުޅަނދުތަކެއް ފެތިފައި އޮންނަތާ ދެ އަހަރުވެފައިވާ ކަމަށާއި ކައުންސިލުން ވެރިފަރާތާއި ވާހަކަ ދައްކައިގެންވެސް އެކަމަށް ހައްލެއްް ނުލިބުނު ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ވެރިފަރާތަކީ ތިމާވެށި ހިމާޔަތްކުރަން އެންޖީއޯއެއް ހަދައިގެން އުޅޭ ފަރާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”މީގެ ސަބަބުން ފަޅުގެ އަސްލު މަގުސަދު ގެއްލި ފަޅުތެރޭގައި ބާ އުޅަނދުތައް ގިނަވަމުން އެބަދޭ. މިކަމުގެ ސަބަބުން ވިލިމާލެ ފަޅު މިވަނީ ގަބުރުސްތާނަކަށް ބަދަލުވެފައި“ ސަމާހު ވިދާޅުވިއެވެ.
ސަމާހު ވިދާޅުވީ، ގަވައިދާ ހިލާފަށް ފަޅުގައި އަޅާ އުޅަނދުތައް ތިން ފަހަރު ސްޓިކާ ޖެހުމަށް ފަހު އެހެން ތަނަކަށް ބަދަލުކުރުމުގެ އުސޫލެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި ފެތިފައިވާ އުޅަނދުތަކުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައި ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން އެހެން ތަނެއް ހަމަޖައްސައިދީފިނަމަ އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކައުންސިލަށް ކުރެވޭނެ ކަމަށެވެ.














