މާލެ ސަރަޙައްދަށް އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލައި، ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ އަހަރަކު އިތުރުވާ ޑިމާންޑަށް ކަރަންޓު ފޯރުކޮށްދެނީ ހައި ސްޕީޑް ޖެންސެޓުތައް ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލެ ފޭސް 2 ގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ތަރައްޤީކުރަން ވަނީ ނިންމާފައެވެ.
ޑރ. އަޒުވަރު ވިދާޅުވި ގޮތުގައި، ”ފިފްތް ޕަވަރ ޕްރޮޖެކްޓް“ ގެ ބައެއްގެ ގޮތުގައި ހުޅުމާލެ އިންޖީނުގެއާއި އިންވެގެން ތަރައްޤީކުރާ 70 މެގަވޮޓުގެ މި އައު އިންޖީނުގެއާއެކު، ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ކުރިން ”ސިކްސްތު ޕަވަރ ޕްރޮޖެކްޓް“ ގެ ދަށުން 100 މެގަވޮޓުގެ މަޝްރޫޢެއް ހުޅުމާލޭގައި ހިންގުމަށް އޮތީ ރޭވިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިތުރުވަމުންދާ ޑިމާންޑަށް ބަލައި، މި މަޝްރޫޢު 200 މެގަވޮޓުގެ މެގަ ޕްރޮޖެކްޓަކަށް ބަދަލުކޮށް، އެ މަޝްރޫޢު ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައެވެ.
މި ބަދަލުތަކާއެކު މާލެ، ހުޅުމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ހިމެނޭހެން މުޅި މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތަށް ދާއިމީ އަދި އިތުބާރު ހުރި ހައްލެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން އުންމީދު ކުރެއެވެ.














