ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާޒިރުކުރައްވައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ބ. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކީ މައުލޫމާތު ރަނގަޅަށް ސާފުނުކުރައްވައި ކުރެއްވި ސުވާލެއްކަން ހާމަވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ވަނީ އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ މިސްކިތްތަކުގެ ހާލަތާއި، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. މި ސުވާލުތަކަށް މިނިސްޓަރު ޝަހީމް ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ، ބ. ތުޅާދޫ މަސްޖިދުއްރަހުމާނު މިސްކިތުން ގަބުރު ފެނުމާ ގުޅިގެން ކުރެއްވި ސުވާލެވެ. އެ މިސްކިތުގެ ފެންޑާއިންނާއި ހަރިންމަތެރެއިން ގަބުރު ފެނުމާ ގުޅިގެން، މިދިޔަ އަހަރު އެ މިސްކިތް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތުގެ މައްސަލަ މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝައްކުކުރެވޭ ތަންތަން ބަލައި، ގަބުރުތައް ހުރި ތަންތަނުން އެ ނަގައި ސާފުކުރުމަށްފަހު، ނިމިދިޔަ ރަމަޟާން މަހުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިސްކިތުގެ މައްސަލަ ހައްލުވެ، މިސްކިތް ހުޅުވިތާ މިހާރު ވަނީ ގާތްގަނޑަކަށް ހަތަރު މަސްވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކެންދޫ ދާއިރާގެ މެމްބަރު ތުޅާދޫގެ މިސްކިތަކާ ގުޅޭގޮތުން ސުވާލު ކުރެއްވިއިރު، ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ޢަބްދުލްޙައްނާން އަބޫބަކުރު މަޖިލީހުގައި އިންނެވިއެވެ.
މި ސަރުކާރުން މިސްކިތްތަކުގެ މަރާމާތަށާއި ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ގިނަ މިސްކިތްތަކެއްގެ މައްސަލަތައް ހައްލުކުރަމުންދާކަން މިނިސްޓަރު ޝަހީމް ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.












