ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ބާއްވާ ހަ ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް ކުރިއަށްދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ސިމްޕޯޒިއަމްގެ ޝަރަފުވެރި މެހެމާނަކީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކުރެވޭ ދިރާސާތައް އާންމުކޮށް، އެ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި މައުލޫމާތު ބަދަލުކޮށް، އެކަމުގެ ފައިދާ ދާއިރާގެ މާހިރުންނަށް ފޯރުކޮށްދިނުމެވެ. މިއީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް ބައްދަލުވުންކަން އެމްއެންޔޫއިން ފާހަގަކުރެއެވެ.
މި ފަހަރުގެ ސިމްޕޯޒިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓާ ޕްރެޒެންޓޭޝަން ހިމެނެއެވެ. ހުށަހެޅޭ ކަރުދާސްތައް މައިގަނޑު ހަތް ދާއިރާއަކަށް ބަހާލެވިފައިވާއިރު، އޭގެ ތެރޭގައި ފަރުތަކާއި ފަރުތައް އިއާދަކުރުން، މޫސުމީ ބަދަލުތައް، އަދި މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން ގަވަނަންސް އެންޑް ސޮސައިޓީ، ކަހަނބުގެ ދިރުންތައް، ސިއްހަތާއި ރައްކާތެރިކަން، މިޔަރާއި ރޭސް އަދި ކަނޑުގެ އެހެނިހެން ބޮޑެތި ދިރުންތައް، އައްސޭރިފަށުގެ މާހައުލު، އަދި ކަނޑުދޫނިތަކާ ގުޅޭ ދިރާސާތައް ހުށަހެޅުމަށް ވަނީ ތާވަލުކުރެވިފައެވެ. ސިމްޕޯޒިއަމްގެ ތެރެއިން ޔުނިވާސިޓީތަކާއި ދިރާސާކުރާ ޖަމިއްޔާތަކުން ކުރެވިފައިވާ މަސައްކަތްތައް ހިއްސާކޮށް، ކުރިމަގުގައި މި ދާއިރާ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މެރިން ސައިންސް ސިމްޕޯޒިއަމްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުހިންމު ސިމްޕޯޒިއަމެކެވެ.











