ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް، ކުރިން އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަން އަދާކުރެއްވި އަޙްމަދު މަމްދޫހް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަގާމަށް މަމްދޫހް ޢައްޔަންކުރެއްވުމަށްފަހު، އެ މަގާމުގެ ހުވައިލައި ދެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އަލަށް ޢައްޔަންކުރެވުނު މަމްދޫހަކީ، ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް ވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. އެ މަގާމަށް ޢައްޔަންކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާއެވެ. މިއީ އެ ޓްރައިބިއުނަލްގެ ކުރީގެ ރައީސް އިސްޙާގު ހުސައިން މެއި މަހު އަމިއްލަ ސަބަބުތަކާ ހެދި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.
ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ޓްރައިބިއުނަލަކީ، ވަޒީފާއާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާއެކެވެ.













