ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދުގައެވެ. މި ފަހުމުނާމާ ދަށުން ރާއްޖޭގެ ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަނަކީ އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ތަންތަން ކަމުގައި ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ކައުންސިލްތަކާއެކު މިހާރުވެސް ސޮއިކުރެވިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1.8 މިލިއަން ގަސް ވަނީ އިންދިފައެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް މިހާތަނަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ބޭނުންވާ ގަސްތައް ސަޕްލައިކޮށްދިނުމަށް ދެ ފަރާތަކުން މިހާރުވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އުންމީދަކީ މި މަޝްރޫޢު ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދިއުމެވެ.










