ރިސޯޓުތަކުގެ މެދުގައި ބޭއްވުނު ފޯރިގަދަ ރިސޯޓު ވޮލީ ޗެމްޕިއަންޝިޕްގެ ތަށި، ޖެހިޖެހިގެން ދެވަނަ ފަހަރަށް ވަން އެންޑް އޮންލީ ރީތި ރަށް ކާމިޔާބުކޮށްފިއެވެ. ރީތި ރަށުގެ ވޮލީ ކޯޓުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.
ފައިނަލް މެޗުގައި ރީތި ރަށް ނުކުތީ ބަނޑޮސް މޯލްޑިވްސާ ދެކޮޅަށެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެ، ރީތި ރަށުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 22-25، 18-25 އަދި 16-25 އިންނެވެ.
ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބަނޑޮހުން މެޗުގެ ފުރަތަމަ ދެ ސެޓު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެ ޓީމުން ވަނީ މި ދެ ސެޓުގެ ކުރީކޮޅު ބޮޑު ލީޑެއް ނަގާފައެވެ. އެހެންނަމަވެސް، މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ރީތި ރަށުން ވަނީ ނަތީޖާ ބަދަލުކޮށްލައި، ހުށިޔާރުކަމާއެކު ސެޓުތައް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ދެ ސެޓާ ޚިލާފަށް، ފަހު ސެޓުގައި މެޗު ފެށުނީއްސުރެ ގިނަވަގުތު ލީޑުގައި އޮވެ މޮޅަށް ކުޅުނީ ރީތި ރަށުންނެވެ. ނަތީޖާއަކަށްވީ ފަސޭހަކަމާއެކު މި ސެޓު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ކަށަވަރުކުރުމެވެ.
މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ރީތި ރަށް މި އަހަރުގެ ފައިނަލަށް ދަތުރުކުރީ މާލޭ އުތުރު ލީގުގެ ރަނަރަޕްގެ ގޮތުގައި ޗެމްޕިއަންޝިޕުގެ ޖާގައެއް ހޯދައި، ސެމީ ފައިނަލުގައި އޯޒެން ރިޒާވް ބޮލިފުށި 1-3 ސެޓުން ބަލިކޮށްގެންނެވެ.
މުބާރާތުގެ އެކި މަގާމުތަކަށް ބަލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ ކަވިޝްކާ މަޑުސަންކާއެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ކަވިޝްކާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރީތި ރަށުގެ ސުމިތެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ބަނޑޮހުގެ ޕްރަދީޕާއި، ރީތި ރަށުގެ ކަވިޝްކާ، ދަނުޝްކާ، އާދަމް ޚަލީލް އަދި ޔައިޝް އެވެ. ބެސްޓް ލިބަރޯގެ މަގާމު ރީތި ރަށުގެ ކެޕްޓަން ނަބީލް ހޯދިއިރު، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި ފޭން ފޭވަރިޓް ކުޅުންތެރިޔާގެ މަގާމު ހޯދީ ބޮލިފުށީގެ ބިލާލްއެވެ.








