އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ”20-ޕޮއިންޓް ޕީސް ޕްލޭން“ ގެ ދަށުން، ޣައްޒާގެ ޙަމާސް އަދި އެހެނިހެން ދިފާޢީ ޖަމާޢަތްތަކުގެ ހަތިޔާރު އެއްކޮށް ބެހެއްޓުމަށާއި، އޭގެ ބަދަލުގައި އިޒްރޭލު ސިފައިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޣައްޒާއިން ފޭބުމަށް އެކުލަވާލާފައިވާ އާ މަގުޗާޓެއް އިޢުލާންކޮށްފައެވެ.
ޓްރަމްޕްގެ ޕްލޭންގައިވާ ގޮތުން ހަތިޔާރުތަކާއި ބިންގަރާސްތަކުގެ ކޮންޓްރޯލް ދޫކޮށްލާނީ ފަލަސްޠީނުގެ ޓެކްނޮކްރެޓިކް ސަރުކާރަކަށާއި (އެންސީއޭޖީ) ބައިނަލްއަޤްވާމީ ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އަށެވެ. ނަމަވެސް، ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި ޙަމާސްގެ އިސް މަންދޫބުން ވަނީ އިޒްރޭލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފައިބައި، ޙަމަލާތައް ހުއްޓާލުމުގެ ކުރިން އެއްވެސް ހަތިޔާރެއް ދޫކޮށްނުލާނެކަން ކަށަވަރުކޮށްދީފައެވެ. އަނެއްކޮޅުން އިޒްރޭލުން ބުނަމުންދަނީ ސިފައިން ފޭބުމުގެ ޝަރުޠަކީ ޙަމާސް އެއްކޮށް ހަތިޔާރުބޭލުން ކަމަށެވެ.
’ސުލްޙައިގެ‘ މަގުޗާޓާމެދު އޮތް އިތުބާރު
މި ”ސުލްޙައިގެ މަގުޗާޓާ“ މެދު ފަލަސްޠީނުގެ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އދ. ގެ އެތައް ޤަރާރުތަކަކާއި، ކުރިން ވެފައިވާ ސުލްޙައިގެ އެތައް އެއްބަސްވުންތަކަކާ އިޒްރޭލުން ޚިލާފުވެފައިވާއިރު، އެމެރިކާއިން ދަނީ އަބަދުވެސް އިޒްރޭލަށް ފުރިހަމަ ޙިމާޔަތް ދެމުންނެވެ.
މީގެ އެންމެ ބޮޑު ހެއްކަކީ ހުޅަނގު އައްސޭރީގެ (ވެސްޓް ބޭންކް) ޙާލަތެވެ. ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޠީނިއަން އޮތޯރިޓީ (ޕީއޭ) އިން އެމެރިކާ އާއި އިޒްރޭލުގެ ޝަރުޠުތަކަށް ބޯލަނބައިގެން ތިބި ނަމަވެސް، އިޒްރޭލުން ދަނީ އެ ސަރަޙައްދުގެ ބިންތައް ފޭރިގަނެ ޣައިރު ޤާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރަމުންނެވެ. 2026 ވަނަ އަހަރު އެކަނިވެސް އިޒްރޭލުން ވަނީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް އާ ޤާނޫނުތަކެއް ހަދައި، އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކަނޑައަޅާފައެވެ. އެހެންކަމުން، ހަތިޔާރު ބެހެއްޓުމަކީ ފަލަސްޠީނުގެ ބިންތައް އިސްތިއުމާރުކޮށް އަޅުވެތިކުރުމަށް އިޒްރޭލަށް ދެވޭ ފުރުސަތެއް ކަމަށް ދިފާޢީ ޖަމާޢަތްތަކުން ދެކެއެވެ.
އިބްނު ޠައިމިއްޔާގެ ފަތުވާ: ޖިހާދަކީ މިއަދު ފަރުޟު ޢައިނެެއް
އީމާންކަމަށްފަހު އެންމެ މުހިންމު ވާޖިބަކީ އަނިޔާވެރި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިފާޢީ ޖިހާދުކުރުން ކަމަށް އިސްލާމީ ޢިލްމުވެރިން ވިދާޅުވެއެވެ. އިބްނު ތައިމިއްޔާގެ ފޮތްތަކުގެ ތެރެއިން އެންމެ ފުޅާދާއިރާއަކަށް އެކުލަވާލެވިފައިވާ ”މަޖްމޫޢު އަލް-ފަތާވާ“ ގެ 28 ވަނަ ވޮލިއުމްގައި، ދިފާޢީ ހަނގުރާމައާ (ދިފާޢީ ޖިހާދާ) ގުޅޭގޮތުން ވަރަށް ސާފު އަދި ހަރުދަނާ އުޞޫލުތަކެއް ބަޔާންކުރައްވާފައިވެއެވެ. މި މައްސަލައިގައި އެންމެ ގިނައިން ނަކަލުކުރާ އެއް ބަސްފުޅުގައިވެއެވެ:
”ދިފާޢީ ޖިހާދާ (ޖިހާދު އަދް-ދަފްޢު) ބެހޭގޮތުން ދަންނަވާނަމަ، އެއީ ދީނަށާއި ދުނިޔެއަށް ފަސާދަކުރާ އަނިޔާވެރިޔާގެ ފުށުން ދިފާޢުވެ ފައްސާލުމެވެ (އެބަހީ ޙަމަލާދޭ ފަރާތް ހުއްޓުވުމެވެ). އީމާންކަމަށްފަހު އެއަށްވުރެ ބޮޑު ވާޖިބެއް ނެތެވެ. އެކަމަށް ވަކި ޝަރުޠުތަކެއް ނެތެވެ؛ އަދި ކިއެއްތަ! ލިބެންހުރި ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެންވެސް ދުޝްމަނުން ދިފާޢުކޮށް ފައްސާލަންޖެހޭނެއެވެ.“
ހުރިހާ ފިޤުހު ޢިލްމުވެރީން އިއްތިފާޤުވެލައްވާ ގޮތުގައި، ދުޝްމަނުން އަރައިގަނެއްޖެނަމަ، އަސްކަރީ ގޮތުން ދިފާޢުވުމަކީ ހަމައެކަނި ރަސްމީ ދައުލަތެއްގެ އަސްކަރިއްޔާގެ އެކަނި ޒިންމާއަކަށް ނުވެއެވެ. އެއީ އެ އިސްތިއުމާރުކުރެވިފައިވާ ސަރަޙައްދެއްގައި ޤާބިލުކަން ހުރި ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމުވެގެންވާ ފަރުޟު ޢައިނެކެވެ. އެ ސަރަޙައްދުގެ ރައްޔިތުންނަށް ދުޝްމަނުން ދިފާޢުކޮށް ފައްސާ ނުލެވިއްޖެނަމަ، އެ ވާޖިބު އަވަށްޓެރި ސަރަޙައްދުތަކަށް ފުޅާވެގެންދެއެވެ. ދެންވެސް އެކަން ނުވެއްޖެނަމަ، ދެން ކައިރީގައި ތިބި ސަރަހައްދުތަކެއްގައި ތިބި މުސްލިމުންގެ މައްޗަށް ޖިހާދުގެ ވާޖިބު ފެތުރިގެންދެއެވެ. މިހެންގޮސް މުޅި ދުނިޔޭގައި ތިބި ކެރިކުޅަދާނަވެގެންވާ ހުރިހާ މުސްލިމުންގެ މައްޗަށް އޭގެ ވާޖިބުކަން ފެތުރި ފަރުޟު ޢައިނަކަށްވެގެންދެއެވެ.
އިސްލާމްދީނުގައި ކުރެވޭ އާންމު ހަނގުރާމަތަކުގައި ހަރުދަނާ ލޮޖިސްޓިކް އަދި ސިޔާސީ ޝަރުޠުތަކެއްވެއެވެ. ނަމަވެސް އިބްނު ޠައިމިއްޔާ ކަނޑައަޅުއްވާފައިވާ ގޮތުގައި ދިފާޢީ ޖިހާދަށް މި ހުރިހާ ކަމެއް ނުހިނގައެވެ. ޙަމަލާތަކާ ކުރިމަތިލާންޖެހިފައިވާ ބަޔަކު ހަނގުރާމަކުރުމަށްޓަކައި އެއްބައިވަންތަ ސަރުކާރަކަށް، ރަސްމީ އަސްކަރިއްޔާއަކަށް ނުވަތަ ސިޔާސީގޮތުން ފުރިހަމަ ބާރެއްގެ ހުއްދަޔާއި ރުހުން ބޭނުމެއް ނުވެއެވެ. އެމީހުންގެ އަތުގައި ހުރި ކޮންމެ ޤާބިލުކަމަކާއި ހަތިޔާރެއް ބޭނުންކޮށްގެން ދިފާޢުވުމަށް އެމީހުންނަށް ޢަމުރުވެގެންވެއެވެ. އީމާންކަމަށްފަހު ދިފާޢީ ޖިހާދަކީ އެންމެ މުހިންމު ވާޖިބު ކަމުގައި ކަނޑައެޅުއްވުމުން، މުޖުތަމަޢެއްގެ ޖިސްމާނީ ސަލާމަތާއި ބިމުގެ ސިޔާދަތު ދިފާޢުކުރުމަކީ އެހެނިހެން ދީނީ ނުވަތަ ދުނިޔަވީ ކަންކަމަށްވުރެ މާ މުހިންމުކަން އިބްނު ޠައިމިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ޖިހާދު ޤިޔާމަތާ ހަމައަށް ދެމިއޮންނާނެ
ކީރިތި ރަސޫލާ (ﷺ) ޙަދީޘް ކުރައްވާފައިވެއެވެ:
”ޤިޔާމަތް ދުވަހާ ހަމައަށް އަސްތަކުގެ ނިތްކުރީގައި ހެޔޮކަން (ޖިހާދާއި އޭގެ ދަރުމަ) ގުޅިފައިވެއެވެ.“ (ޞަޙީޙުލްބުޚާރީ)
އަދިވެސް ސަލަމާ ބިން ނުފައިލް އަލް-ކިންދީގެ ކިބައިން ރިވާވެގެންވެއެވެ:
”ރަސޫލުﷲ ﷺ ގެ އަރިހުގައި އަހަރެން އިންދައި މީހަކު ދެންނެވިއެވެ: ’އޭ ﷲ ގެ ރަސޫލާއެވެ! މީހުން ވަނީ އަސްތަކަށް ފަރުވާކުޑަކޮށް، ހަތިޔާރުތައް ބަހައްޓާފައެވެ. އަދި އެ މީހުން ބުނަނީ މިހާރު ޖިހާދެއް ނެތް ކަމަށާއި، ހަނގުރާމަ ނިމިއްޖެ ކަމަށެވެ.‘
ރަސޫލުﷲ ﷺ އެ މީހަކަށް ކުރިމަތިލައްވައި ޙަދީޘްކުރެއްވިއެވެ: ’އެހަަދަނީ ދޮގެކެވެ. މިހާރު (އަދިކިރިޔާ) މިއަންނަނީ ހަނގުރާމައިގެ ވަގުތެވެ. ޤިޔާމަތާ ހަމައަށް، އަދި ﷲ ގެ ވަޢުދު އަތުވެއްޖެއުމަށް ދާންދެން، ތިމަންކަލޭގެފާނުގެ އުންމަތުގެ ބަޔަކު ޙައްޤުގެ މަތީގައި ހަނގުރާމަކުރުންމަތީ ދެމިތިބޭނެއެވެ. ﷲ އެމީހުންނަށްޓަކައި ބައިގަނޑެއްގެ ހިތްތައް ކައްސުވާލައްވައި (މަގުފުރައްދަވައި)، އަދި އެ އެބައިގަނޑުގެ ފުށުން އެމީހުންނަށް ރިޒްޤު މިންވަރުކުރައްވާނެއެވެ. ޤިޔާމަތްވުމާ ހަމައަށް އަސްތަކުގެ ނިތްކުރީގައި ހެޔޮކަން ވަނީ ބަނދެވިފައެވެ.
އަދި ތިމަންކަލޭގެފާނު އަވަހާރަވާނެ ކަމަށާއި، މާ ގިނަ ދުވަހު ނުތިއްބަވާނެކަން ތިމަންކަލޭގެފާނަށް އަންގަވާފައިވެއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކެއްގެ ކަރަށް ޙަމަލާދޭ (އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރާ) ޙާލުގައި، ބައިގަނޑު-ބައިގަނޑަށް ތިމަންކަލޭގެފާނުގެ ފަހުން އަންނާނެއެވެ. އަދި މުއުމިނުންގެ ރައްކާތެރިކަމުގެ ބިމަކީ އައްޝާމުގެ ބިމެވެ.“
(ސުނަނު އައްނަސާޢީ 3561)









