ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި މަޙުޝަރު މައިދާނުގެ ނާމާންކަމުން ސަލާމަތްވުމަށްޓަކައި، މާތް ﷲ އަށް ތަޤުވާވެރިވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.
”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!“ މި މައުޟޫޢަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި، ޤިޔާމަތްވުމުގެ ވަގުތަކީ ބޮޑުވެގެންވާ ޒަލްޒަލާއެއްކަން ފާހަގަކޮށް، އެ ދުވަހުގެ ބިރުވެރިކަމުން ކިރުމައިން އެކުދިންގެ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާ ފަދަ ޙާލަތެއްގައި ތިބޭނެކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަނީ ބަޔާންކޮށްދީފައެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މަޙުޝަރު ބިމަކީ އެކަކު އަނެކަކަށް އެހީތެރިކަމެއް ފޯރުކޮށްނުދެވޭނެ ތަނެކެވެ. އެންމެ ގާތްމީހުން ކަމުގައިވާ އަޚުންނާއި، މައިންބަފައިންނާއި، އަނބިދަރިންގެ ކިބައިން ފިލަން މަސައްކަތްކުރާނެ ކަމަށާއި، ކޮންމެ މީހަކުވެސް އުޅޭނީ އަމިއްލަ ނަފުސުގެ ސަލާމަތަށްޓަކައި ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެ ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުން ކުޑަކުދިން މުސްކުޅިންނަށް ހަދާލާނެކަމަށްވެސް ހަނދާންކޮށްދިނެވެ.
ޤިޔާމަތްދުވަހު މީސްތަކުން ދެބަޔަކަށް ބެހިގެންދާނެކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، އީމާންވެ ހެޔޮ ޢަމަލުކުރި މީހުން ތިބޭނީ އުފާވެރިކަމާއި އަލިވެފައިވާ މޫނުތަކަކާއެކުގައެވެ. ނަމަވެސް ކާފިރުންނާއި ފާޖިރުންގެ މޫނުތައް ހުންނާނީ ކަޅު އަނދިރިކަމާއި ހިރަފުހުން ފޮރުވިފައި ކަމަށާއި، އެމީހުން ޢަޛާބުން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔޭގައިވާހާ އެއްޗެއް ފިދުޔައެއްގެ ގޮތުގައި ދޭން ބޭނުންވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا ﴿١٧﴾ السَّمَاءُ مُنفَطِرٌ بِهِ ۚ كَانَ وَعْدُهُ مَفْعُولًا ﴿١٨﴾
މާނައީ: ”ފަހެ، ތިޔަބައިމީހުން ކާފިރުވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ ޢަޒާބުން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަވާނެކަން ޔަޤީނެވެ.“
މީގެ އިތުރުން، އެ ދުވަހުން އިންސާނާގެ އަނގަ ބަންދުކުރެވި، އޭނާ ކުޅަ ޢަމަލުތަކަށް އަތްފައިގެ ގުނަވަންތަކާއި ހަންގަނޑު ހެކިދޭނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢަމަލު ފަތް ދެއްވައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެ ކަމަށާއި، އެ ފަތުގައި ކިތަންމެ ކުޑަ ކަމެއްވެސް ދޫނުކޮށް ލިޔެވިފައިވާނެކަން ބަޔާންކުރިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ މަރުގެ ރަހަ ކޮންމެ ނަފުސަކަށްވެސް ލިބޭނެކަން ހަނދުމަކޮށް، ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ޤިޔާމަތްދުވަހަށްޓަކައި ވާ ތައްޔާރީއަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބިވުންކަން ބަޔާންކޮށް، ފާފަތަކަށް ތައުބާވެ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ. ނަޞީބުވެރިއަކީ ނަރަކައިން މިންޖުވެ ސުވަރުގެ ލިބުނު މީހާކަންވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.













