ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ރާއްޖޭގައި ތައާރަފުކުރުމަށް ނިންމި ނިންމުމަކީ ދެ ގައުމުގެ މާލީ އަދި ޑިޖިޓަލް ގުޅުން އާ ހިސާބަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ ރިއަލް-ޓައިމް ޕޭމަންޓް ސިސްޓަމް، ޔޫޕީއައި ރާއްޖެއަށް ތައާރަފުވުމުން، ބޯޑަރު ހުރަސްކޮށް ކުރެވޭ މާލީ މުއާމަލާތްތައް މިހާރަށްވުރެ އަވަސްވެ، ރައްކާތެރިވެ، އަދި ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
The launch of UPI integration marks an important milestone in advancing digital and financial connectivity between the Maldives and India. As one of the world’s largest and most widely used real-time payment systems, UPI will make cross-border transactions faster, more secure,… https://t.co/qcQ83V3SXN pic.twitter.com/jmx922HF4u
— Mohamed Saeed (@em_saeed) July 31, 2026
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ބަދަލުކުރެއްވި ތަސައްވުރުގެ ނަތީޖާއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އިގްތިސާދީ އެއްބާރުލުން އިތުރުކޮށް، ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ފަދަ އަމަލީ މަސައްކަތްތަކެއް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޔޫޕީއައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިސާ ފޮނުވުމާއި އަދި ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ވިޔަފާރިވެރިންނަށް ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އާ ފުރުސަތުތަކެއް ހުޅުވި، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، މި ސިސްޓަމްގެ ތެރެއަށް މާޗަންޓް ޕޭމަންޓްތަކާއި ބީ2ބީ (Business-to-Business) މުއާމަލާތްތައް ހިމެނިގެން ދިއުމުން، ދެ ޤައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވާނެއެވެ. އަދި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ހުށަހެޅިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) އަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެއެވެ.












