ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ދަށުން، ރާއްޖޭގެ ’ފަވަރަ‘ ސިސްޓަމާއި އިންޑިއާގެ ’ޔޫނިފައިޑް ޕޭމަންޓްސް އިންޓަފޭސް‘ (ޔޫ.ޕީ.އައި) ގުޅާލުމުގެ ފުރަތަމަ މަރުހަލާ އިފްތިތާހުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު ’ފޮރިން އިންވާޑް ރެމިޓެންސް‘ (އެފް.އައި.އާރް) ގެ ހިދުމަތް ވަނީ ފަށާފައެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބެގެން އިންޑިއާގައި ތިބޭ ފަރާތްތަކަށް ވަގުތުން، ރައްކާތެރިކަމާއެކު އަދި ކުރިއަށްވުރެ ހެޔޮ އަގެއްގައި ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެއެވެ.
Maldives–India
A major milestone in strengthening Maldives–India economic cooperation.
The first phase of the Favara–UPI integration is now live with the launch of Foreign Inward Remittances (FIR), enabling people in the Maldives to send money to individuals in India instantly,…
— Ministry of Economic Development,Transport & Trade (@MoEDmv) July 30, 2026
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކުރުމަށާއި، ޑިޖިޓަލް ކަނެކްޓިވިޓީ ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ ދެން އޮތް މަރުހަލާތަކަށް ބަލާއިރު، އިންޑިއާއިން ރާއްޖެއަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އޭގެ ފަހުން ކިއު.އާރް ކޯޑު މެދުވެރިކޮށް މާޗަންޓް ޕޭމަންޓްތައް ހެދޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މުސްތަގުބަލުގައި މި ޕްލެޓްފޯމް މެދުވެރިކޮށް ’ބިޒްނަސް ޓު ބިޒްނަސް‘ (ބީ.ޓު.ބީ) ޕޭމަންޓްތައް ހެދޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިންޑިއާ–މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (އައި.އެމް.އެފް.ޓީ.އޭ) އަށް ބާރުލިބިގެންދާނެ ކަމެކެވެ.













