އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ އެތެރެއަށް އަމާޒުކޮށް ދެ ގަޑިއިރު ވަންދެން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އެތައް މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ސެންޓްކޮމްއިން ބުނެފައިވަނީ މިއީ އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކަށް ދިން ރައްދެއް ކަމަށެވެ. އެމެރިކާއިން ވަނީ އީރާނުން ފޮނުވާލި ހުރިހާ މިސައިލެއް ވައްޓާލާފައެވެ.
ޖުލައި 29 ވަނަ ދުވަހުގެ ރޭ (ރާއްޖެ ގަޑިން ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު) ދިން މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އައިއާރުޖީސީގެ އަސްކަރީ ކޮމާންޑު ސެންޓަރުތަކަށާއި، މިސައިލް އަދި ޑްރޯން ފެސިލިޓީތަކަށާއި، އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށެވެ. މި ޙަމަލާތައް ދީފައިވަނީ އީރާނަށް ”ވަރަށް ވަރުގަދަ“ ރައްދެއް ދިނުމަށް ރައީސް ޑޮނަލްޑު ޓްރަމްޕު އަމުރުކުރެއްވުމާ ގުޅިގެންނެވެ. އީރާނުގެ ދެކުނުގެ ސިޓީތައް ކަމަށްވާ އަހްވާޒާއި، ޤެޝްމް އައިލެންޑުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވެއެވެ.














