ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ރަށު މާރުކޭޓު ބަލައި ފާސްކޮށް 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި މި ރެއިޑު އޮޕަރޭޝަނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އުފައްދާފައިވާ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެ ރަށު މާރުކޭޓުން ޖުމްލަ 55 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 މީހުންނަކީ އިމިގްރޭޝަންގެ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ
ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެ، އޭގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ އެތައް ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ވަކިން ހާއްސަކޮށް، ދިވެހީންގެ ނިވަލުގައި ތިބެ ގަވާއިދާ ހިލާފަށް އެކި ވިޔަފާރިތައް ކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މުޅި ރާއްޖޭގައި ހިންގާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އެއްވެސް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ މީހަކު ވަގުތުން ޑީޕޯޓު ކުރެވޭނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ރެއިޑު އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.














