އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މަސައްކަތުގެ އަމަލީ ނިމުމަކާ ގާތްވެއްޖެއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މިހާރުގެ ހާލަތަށް ބަލާއިރު، މުޅި މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މިވަގުތު އެރަށުގައި ކުރިއަށްދަނީ ފެން ހިންދުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މާމިގިލީގެ 4.89 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢު ނިމުމުން މާމިގިލީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވެއްޖެނަމަ ފަސޭހައިން ފެން ހިނދޭނެ ގޮތަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމަކާއި، މަގު ކައިރީގައި ފެންދާ ކާނުތަކުގެ އިތުރުން ޕަމްޕް ސްޓޭޝަންތައްވެސް ވަނީ ޤާއިމުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
އައު ތާރު މަގުތައް ހެދުން.
ދުއްވާ ސަރަޙައްދާއި ދުވާރު ފަރުމާކޮށް ތަރައްޤީކުރުން.
ފެން ހިންދާ ނިޒާމާއި ކާނުތައް ހެދުން.
ސްޕީޑް ބްރޭކަރުތަކާއި މަގުމަތީގެ ނިޝާންތައް ހަރުކުރުން.
މަގުބައްތި ހަރުކުރުން.
ކުރިން ހުރި މަގުތަކުގައިވެސް ބައްތި ހަރުކޮށް، ސްޕީޑް ބްރޭކަރު ހަރުކުރުމާއި ކަނޑައެޅިފައިވާ ތަންތަނުގައި ކޮޅުބަންދު (ޒެބްރާ ކްރޮސިންގ) ކުރެހުން.
މި މަޝްރޫޢު ނިމުމުން، މާމިގިލީގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިއީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން ބާރުމިނުގައި ކުރިއަށްދާ މަޝްރޫޢެކެވެ.














