މާޅޮސް ރައްޔިތުންގެ ޒަމާންވީ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމި، މަޝްރޫޢު ނިމުމަކާ ގާތަށް ޖެހިލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން ހާމަކުރައްވަމުން، މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބަނދަރުގެ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތްތައް
ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:
މިހާރު އޮތް ބަނދަރާއި އައު ބަނދަރުގެ އިތުރުން ޗެނަލް ހިމެނޭހެން ޖުމްލަ 70,476 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން.
11,709 ކިއުބިކް މީޓަރުގެ ބޯޓު ބީޗިންގ އޭރިއާއެއް ފުންކުރުން.
ބަނދަރުގެ ރައްކާތެރިކަމަށްޓަކައި 302 މީޓަރުގެ ބޭރު ތޮށިލުމާއި،
453 މީޓަރުގެ ރިވެޓްމަންޓް އަދި 40 މީޓަރުގެ ގްރޮއިން ޖެހުން.
510 މީޓަރުގެ އެއްގަމު ތޮށިލުމާއި ސްކަވަރ އެޕްރަން އެޅުން.
ބަނދަރުގެ ވަސީލަތްތައް ފުރިހަމަކުރުމުގެ ގޮތުން 11 މޫރިންގ ބޯއި ހަރުކުރުމާއި، 11 މީޓަރުގެ ރޭމްޕެއް ހެދުމާއި، ނެވިގޭޝަން ލައިޓާއި 19 ބަނދަރު ލައިޓް ހަރުކުރުން.
ބަނދަރުގެ އެއްގަމު ސަރަހައްދު ތަރައްޤީކުރުމަށް 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމާއި 363 މީޓަރުގެ ކާބް ޖެހުން.
މި މަޝްރޫޢު އެއްކޮށް ނިމުމުން، މާޅޮސް ބަނދަރުގެ ޖާގަ ތަނަވަސްވެ، ބޮޑެތި އުޅަނދުފަހަރަށް ފަސޭހަކަމާއެކު ބަނދަރަށް ކައިރިކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ލިބިގެންދާނެ ބޮޑު ފަހިކަމެއް ކަމަށް ބެލެވެއެވެ.














