އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނު، ނީޓްގެ ޕޭޕަރުތައް ލީކުވި މައްސަލައިގައި ދަރިވަރުން ކުރި މުޒާހަރާތަކަށް، ބޮލީވުޑްގެ މަޝްހޫރު ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ބީޖޭޕީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ކަންގަނާ، އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދިން ޚިޔާލުތަކުގައި، ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ދަރިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކާއި ސޯޝަލް މީޑިއާ ރީލްސްތަކުގައި ބޭނުންކޮށްފައިވާ ބަސްމަގަކީ ނުހަނު ހުތުރު އަދި މޭނުބައިކުރުވާ ފަދަ އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް، މުޒާހަރާގެ ބައިވެރިން އަމިއްލައަށް ”ކޮކްރޯޗް“ ޖަނަތާ ޕާޓީގެ ނަމުން މުހާތަބުކުރުމުން އެކަމަށް އިޝާރާތްކޮށް ކަންގަނާ ބުނީ އެއީ އެފަދަ ޒުވާނުންގެ އަޚުލާޤު ހުރިގޮތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، އެ އިހުތިޖާޖު ނިމުނުއިރު އެ ސަރަހައްދަށް 60 މެޓްރިކް ޓަނުގެ ކުނި އަޅާފައިވާ ކަމަށް ކަންގަނާ ތުހުމަތުކޮށްފައިވެ އެވެ. މިފަދަ ޒުވާނުންގެ ވީޑިއޯތައް ފެނުމުން އޭނާގެ ނަފްސަށް އުނދަގޫތަކެއް ވެފައިވާ ކަމަށާއި، ސޯޝަލް މީޑިއާއާ ދުރުހެލިވުމަށް ”ޑިޖިޓަލް ޑިޓޮކްސް“އެއް ބޭނުންވާ ކަމަށް ވެސް އޭނާ ހާމަކޮށްފައިވެ އެވެ.
ކަންގަނާ ޖެން-ޒީ ޖީލަށް ފާޑުކިޔާފައިވަނީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ މި ޖީލަކީ މަސައްކަތަށް ފަރުވާކުޑަ، ކައިވެންޏާއި ވަފާތެރިކަމަށް ގާބިލުކަމެއް ނެތް ކަންނެތް ބައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ސަރުކާރަށް ނުފޫޒު ފޯރުވައިގެން ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފަށް ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ނީޓް އިމްތިހާނުގެ ޕޭޕަރުތައް ލީކުވި މައްސަލައާ ގުޅިގެން ކުރި މުޒާހަރާތަކުގައި ދަރިވަރުން ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާފަ އެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިމްތިހާނުތައް އިންތިޒާމުކުރާ އިދާރާގެ އިސްވެރިންނަށް ފިޔަވަޅު އަޅައި، އިމްތިހާނުތަކުގެ ނިޒާމު އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވެ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.









