އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ މިހަފްތާ އަންގާރަ ވަނަ ދުވަހު އީރާނުގެ ރަސްމީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެމެރިކާ އާއި އިޒްރޭލާއެކު ހިނގި ހަނގުރާމައިގެ ސަބަބުން އީރާނުގެ ގޭސް އުފައްދާ މިންވަރުން ދުވާލަކު 230 މިލިއަން ކިއުބިކް މީޓަރުގެ ކެޕޭސިޓީ ގެއްލިފައިވާ ކަމަށެވެ.
އީރާނުން އާންމުކޮށް ދުވާލަކު އުފައްދަނީ 650 މިލިއަން ކިއުބިކް މީޓަރުގެ ގޭހެވެ. ވުމާއެކު، 230 މިލިއަން ކިއުބިކް މީޓަރު މަދުވުމަކީ އެ ޤައުމުގެ ހަކަތައިގެ ނިޒާމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން ގޭބިސީތަކަށާއި ކާރުޚާނާތަކަށް ގޭސް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ.
އީރާނުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް މުޙައްމަދު ޖަޢުފަރު ޤާއިމްޕަނާހް ބުނިގޮތުގައި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މީގެ ތެރެއިން 100 މިލިއަން ކިއުބިކް މީޓަރުގެ ކެޕޭސިޓީ އަލުން އިއާދަކުރުމަށް ތެލާއި ގޭހުގެ ސިނާޢަތުގެ މަސައްކަތްތެރިން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން އީރާނުގެ އިޤްތިޞާދަށާއި އުމްރާނީ ތަރައްޤީއަށް ސީދާ އަދި ނުސީދާގޮތުން 270 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އީރާނުން ވަނީ އަންދާޒާކޮށްފައެވެ.













